ޚަބަރު

މާމެންދޫ އިންޖީނުގެއަށް ފެނުގެ އަސަރުކޮށް މުޅި ރަށުން ކަރަންޓު ކެނޑިއްޖެ

އަލީ އިހްސާން

ލ.މާމެންދޫ އިންޖީނުގެއަށް ފެނުގެ އަސަރުކޮށް މުޅި ރަށުން ކަރަންޓު ކެނޑިއްޖެއެވެ.

ފުލުހުން ބުނީ ލ.އަތޮޅަށް ކުރަމުން ގެންދާ ވިއްސާރައިގައި މާމެންދޫއިން ކަރަންޓު ކެނޑިފައިވާ ކަމަށާއި، އިންޖީނުގެއާ ހަމައަށް ފެނުގެ އަސަރުކޮށްފައިވާ ކަމަށެވެ.

ފެންހިންދުމުގެ މަސައްކަތް ފުލުހުންނާ ސިފައިން އަދި ކައުންސިލާއި އާންމު ރައްޔިތުން ގުޅިގެން ކުރަމުން ގެންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެގޮތުން އެމްއެންޑީއެފްއިން ޕަންޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށާއި ގިނަ ގެތަކަށް ފެންވަދެފައިވާ ކަމަށެވެ. އެގޮތުން ރަށުގެ 200 ގެއަކަށް ފެންވަދެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ.

މާމެންދޫ އިންޖީނުގޭގައި ފެންބޮޑުވެފައި

މީގެ އިތުރުން ފެންބޮޑުވުމުގެ ސަބަބުން ލ. ކުނަހަންދޫގެ އިންޖީނު ގެއަށްވެސް ވަނީ ފެނުގެ އަސަރުކޮށްފިއެވެ.

ފުލުހުން ބުނީ، ބޯކޮށްވާރޭ ފެންބޮޑުވެގެން ލ.ކުނަހަންދޫގެ އިންޖީނުގެއަށް ފެނުގެ އަސަރުކުރާ ކަމަށެެވެ. އަދި ކުނަހަންދޫގެ އިންޖީނު ގެއަށް ފެންވަނަނުދޭން ފުލުހުން ހަރަކާތްތެރި ވަމުން ގެންދާ ކަމަށެވެ. މީގެ އިތުރުން ފެންބޮޑުވުމުގެ ސަބަބުން ކުނަހަންދޫގެ އެއްގެއަކަށް ފެންވަދެފައިވާ ކަމަށެވެ.

ލ.އަތޮޅަށް ކުރަމުން ގެންދާ ވިއްސާރައިގެ ސަބަބުން އެއަތޮޅުގެ ގިނަ ރައްތަކެއްގައި ފެންބޮޑުވެ، ގިނަ ގެތަކަށް ދަނީ ފެން ވަންނަމުންނެވެ. ގެތަކަށް ފެންވަނުން ކޮންޓްރޯލް ކުރުމަށް ފުލުހުންނާއި ކައުންސިލްތައް ގުޅިގެން މަސައްކަތް ކުރަމުން ގެންދާކަމަށް ފުލުހުން ބުނެއެވެ.