ޚަބަރު

މިލަންދޫ ބަނދަރު މަޝްރޫއު: ރިވެޓްމަންޓް ޕްރޮފައިލިންގެ މަސައްކަތް ފެށިގެން ކުރިއަށް

ފާތިމަތު ލިޔުޝާ

ށ. މިލަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، މިހާރު ސައިޓުގައި ކުރިއަށްދަނީ ރިވެޓްމަންޓް ޕްރޮފައިލިންގެ މަސައްކަތް ކަމަށް އެ މަސައްކަތްކުރާ އެމްޓީސީސީން ބުނެފިއެވެ.

މިލަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އާ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތާއި ބަނދަރުގެ ޕޭވިން މަސައްކަތްތައް މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެ މަޝްރޫއުގެ ދަށުން 17,900 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 72,938 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި، 8,400 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ނެރު ފުންކުރުން

583 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި، 316 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމުގެ މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 93 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 25 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން ވެސް ހިމެނެއެވެ.

އޭގެ އިތުރުން 20 މީޓަރު ދިގު ތިން މީޓަރު ފުޅާ ބުރިޖެއް ހެދުމުގެ މަސައްކަތާއި، 54 މީޓަރު ދިގު ތިން މީޓަރު ފުޅާ ބުރިޖެއް ހެދުމުގެ މަސައްކަތާއި، 130 މީޓަރު ދިގު ދެ މީޓަރު ފުޅާ ޖެޓީއެއް ހެދުމުގެ މަސައްކަތާއި އެކްސަސް ޕްލެޓްފޯމެއް ހެދުމުގެ މަސައްކަތާއި 3,863 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތް އަދި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް އެ މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

ޖުމުލަ 76.44 މިލިއަން ރުފިޔާގެ އެ މަޝްރޫއު ހައުސިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކުރީ ޑިސެމްބަރު 2023 ގައެވެ.