މިއަދު ބާއްވަން އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަންނަ ހޯމަ ދުވަހު ބާއްވާ ގޮތަށް ފަސްކޮށްފިއެވެ.
މަޖިލީހުގެ މީޑިއާ އޮފިސަރު އަހުމަދު މާން އަސްއަދު "ވަން" އަށް މިއަދު ވިދާޅުވީ، ޖަލްސާ ހޯމަ ދުވަހަށް ފަސްކުރި ސަބަބެއް އަންގާފައިނުވާ ކަމަށެވެ. މިއަދުގެ ޖަލްސާ ފަސްކުރި ނަމަވެސް ކޮމިޓީތަކުގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާ ނިންމާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވަނީ މިއަދު މަޖިލީހުގެ ޖަލްސާއެއް ބާއްވާނެ ކަމަށެވެ.
މިއަދު ބާއްވަން އުޅުނު މަޖިލިސް ޖަލްސާ ފަސްކުރިއިރު އަންނަ ރޯދަމަހު މަޖިލިސް ޗުއްޓީއަށްދާ ގޮތަށް ވެސް ވަނީ ހުށަހަޅައިފައެވެ. ރޯދަ މަހަކީ މަޖިލިސް ޗުއްޓީގައި އޮންނަ މަހެއް ކަމަށް ހެދުމަށް، މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރު މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.
ރިފާއު ހުށަހެޅުއްވި އިސްލާހު މަޖިލީހުގެ އާއްމު ކޮމިޓީއަށް ފޮނުވައި، އެ ކޮމިޓީން ދިރާސާ ކުރުމަށްފަހު، އެގޮތަށް ގަވާއިދު ބަދަލުކުރުމަށް، ޕީއެންސީ މެންބަރުން ވޯޓު ދެއްވައިގެން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފާސްކޮށްފައެވެ. ނަމަވެސް ކޮމިޓީގައި އިންނެވި އިދިކޮޅު އެމްޑީޕީ މެންބަރުން އެކަމަށް ދެކޮޅު ހެއްދެވިއެވެ.
ރިފާއު އިސްލާހު ހުށަހަޅުއްވާފައިވަނީ މަޖިލިސް ގަވާއިދުގެ 24 ވަނަ މާއްދާއަށެވެ. އެ މާއްދާގައި މިހާރު އޮންނަނީ މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ، ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ތިންވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެއަށްފަހު އެ އަހަރުގެ މަސައްކަތް ނިންމައި ޗުއްޓީއަށް ދިއުމަށެވެ.
ރިފާއު ހުށަހެޅުއްވި އިސްލާހުގައި ވަނީ، މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ބަދަލު ކުރުމަށެވެ. އަދި ދެވަނަ ދައުރު އެޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ބަދަލު ކުރުމަށެވެ. މީގެ އިތުރުން ތިންވަނަ ދައުރު ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް، ކުރިއަށް ގެންދިއުމަށްފަހު މަޖިލިސް ޗުއްޓީއަށް ދިއުމަށެވެ.
ނަމަވެސް މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ފަހުން ވިދާޅުވެފައިވަނީ ރޯދަމަސް އެއްކޮށް މަޖިލިސް ޗުއްޓީގައި ބޭއްވުމަށް ބޭނުން ނުވާ ކަމަށެވެ.
ނަމަވެސް މަޖިލިސް ގަވާއިދު އިސްލާހުކޮށް ޗުއްޓީ އަށް ދާން ކުރިން ނިންމީ އެ މަހުގެ ފަހު 10 ގައި ސަރުކާރު ބަންދުވާތީ، ރޯދަ މަހު މަޖިލީހުގައި މަސައްކަތަށް ލިބޭ މުއްދަތު ކުޑަވާތީ ކަމަށް ފަލާހު ވިދާޅުވެފައިވެއެވެ.