ޚަބަރު

ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލާއި ރައީސް ތަސްދީގު ނުކުރެއްވި އިނާޔަތް ބިލުތައް އެޖެންޑާކޮށްފި

ރައީސުލްހުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުތަކަށް ބާރުދޭ ބިލާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ނަމަވެސް، ރައީސް ތަސްދީގު ނުކުރެއްވި އިނާޔަތް ބިލުތައް އަންނަ ހޯމަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ގާނޫނީ ބާރުވެރިކަން ދިނުމަށް ސަރުކާރުން ބޭނުންވަނީ ދެ ރިޔާސީ ކޮމިޝަނަކަށެވެ. އެއީ ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަށް ރައީސް އުފެއްދެވި ކޮމިޝަނާއި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުމަށް އުފައްދަވާފައިވާ ކޮމިޝަނެވެ.

އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ރިޔާސީ ކޮމިޝަނަށް ބާރުދޭ ބިލު މަޖިލީހަށް ހުށަހެޅިއެވެ. ނަމަވެސް ދައުރު ނިމުނު އިރުވެސް އެ ބިލު ފާސްވެފައެއް ނުވެއެވެ. މިފަހަރުވެސް އެ ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ 18 ވަނަ މަޖިލީހުގައި އެ ބިލު ހުށަހެޅުއްވި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.

ހޯމަ ދުވަހަށް އެޖެންޑާކުރި އަނެއް ދެ ބިލަކީ ރައީސް ސޯލިހު ތަސްދީގު ނުކުރެއްވި ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތްދިނުމުގެ ބިލާއި ކުރީގެ އުއްތަމަ ފަނޑިޔާރު ޝެއިހް މުހައްމަދު ރަޝީދު އިބްރާހީމަށް އިނާޔަތް ލިބޭގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

އޭގެ ތެރެއިން 18 ވަނަ މަޖިލީހުން ފާސްކޮށްފައިވަނީ ކުށްވެރިނުވެ ނައިބު ރައީސްގެ މަގާމުން ވަކިވާ ކޮންމެ ބޭފުޅަކަށް ދައުލަތުން މަހަކު 35000 ރުފިޔާގެ އިނާޔަތެއް ދިނުމަށެވެ.

ރައީސް އޮފީހުން ބުނީ އިނާޔަތް ދޭ ދެ ބިލު ރައީސް ތަސްދީގު ނުކުރެއްވީ އެ ބިލުތަކުގައި ގާނޫނު އަސާސީގެ ރޫހާ ހިލާފު ބައެއް ކަންކަން ފާހަގަކުރެވޭތީ ކަމަށެވެ.