އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނައިބު ރައީސްކަމުގެ މަގާމަށް ރ. އަލިފުށި، ފަސާނާ، އަބުދުﷲ ނާޝިދު އައްޔަން ކުރައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އޭސީސީގެ ނައިބު ރައީސްކަމުގެ މަގާމަށް ނާޝިދު އައްޔަން ކުރައްވާފައިވަނީ މިއަދު ކަމަށެވެ.
އޭސީސީގެ ނައިބު ރައީސްގެ މަގާމަށް އައްޔަން ކުރުމަށް ރައީސް އެންމެ ފުރަތަމަ ފޮނުއްވީ މ. ގޯލްޑަން މޫން/ އަހުމަދު ނާޝިދުގެ ނަމެވެ.
ނާޝިދު އައްޔަން ކުރެއްވުމަށް ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިމަހުގެ 10 ވަނަ ދުވަހުއެވެ. ނަމަވެސް ޖެހިގެން އައި ދުވަހު މިމަހުގެ 11 ވަނަ ދުވަހު، އަހުމަދު ނާޝިދުގެ ބަދަލުގައި އަބްދުﷲ ނާޝިދު އޭސީސީގެ ނައިބު ރައީސް ކަމަށް އައްޔަންކުރެއްވުމަށް އެދިވަޑައިގެން ރައީސް، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ އަށް ސިޓީއެއް ފޮނުއްވިއެވެ.
އެ ސިޓީފުޅުގައި ވަނީ އަހުމަދު ނާޝިދުގެ ބަދަލުގައި އަބުދުﷲ ނާޝިދު އޭސީސީގެ ނައިބު ރައީސް ކަމަށް އައްޔަން ކުރަން މަޖިލީހުގެ ރުހުން ދެއްވުމަށް އެދިވަޑައިގެންފައެވެ.
ނަމަވެސް އެ ބަދަލު ގެންނެވި ސަބަބެއް ރައީސް ވިދާޅުވެފައެއް ނުވެއެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ނާޝިދަށް ރުހުން ދޭން މަޖިލީހުން ފާސްކުރީ، ޖަލްސާގައި ތިއްބެވި 81 މެންބަރުންގެ ތެރެއިން 69 މެންބަރުންގެ ވޯޓުންނެވެ.
ނާޝިދު، އޭސީސީގެ މެންބަރުކަމަށް އައްޔަންކުރައްވާފައިވަނީ މިދިޔަ މަހުއެވެ. ނާޝިދު ވަނީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ދެމެދު އެ ކޮމިޝަނުގެ މުހިންމު މަގާމުތައް އަދާކުރައްވައިފައެވެ.