ޚަބަރު

ރޯދަ މަހު އަސާސީ ކާބޯތަކެތީގެ 141 ބާވަތެއްގެ އަގު އެއްހަމައެއްގައި ހުރޭތޯ ބަލާނެ: މިނިސްޓަރު ސައީދު

ރޯދަ މަހު އަސާސީ ކާބޯތަކެތީގެ 141 ބާވަތެއްގެ އަގުތައް ދެނެގަނެ މޮނިޓާ ކުރަމުންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވީ، ރޯދަ މަހު 141 ބާވަތެއްގެ އަގުތައް ވަރަށް ގާތުން ބަލައި މޮނިޓާކުރާނެ ކަމަށާއި އޭގެ ތެރެއިން 32 ބާވަތަކީ ކްރިޓިކަލް އައިޓަމް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރޯދައަށް ތައްޔާރުވުމުގެ ގޮތުން އެސްޓީއޯއިން ހަ މަސް ކުރިން މަސައްކަތް ފަށާފައިވާ ކަމަށާއި އެސްޓީއޯއިން އަސާސީ ތަކެތި ގެނެސް އަގުހެޔޮކޮށް ވިއްކަނީ އާއްމުންގެ ވިޔަފާރިއަށް ވަނުމުގެ ބޭނުމުގައި ނޫން ކަމަށެވެ. އަދި އެއީ އަސާސީ ތަކެތި ހެޔޮ އަގުގައި ލިބޭނެ ގޮތް ކަށަވަރުކުރަން ކުރާ ކަމެއްކަމުގައި ވިދާޅުވިއެވެ.

"މި ރޯދަ މަހު 141 ބާވަތެއްގެ އަގުތައް އަޅުގަނޑުމެން ވަރަށް ގާތުން މޮނިޓާކުރާނަން. ސަރުކާރުގެ އަމާޒަކީ، އަސާސީ ބާވަތްތައް ރާއްޖެ ގެނެސް އެ ބާވަތެއް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުން،" މިނިސްޓަރު ވިދާޅުވިއެވެ.

ރޯދަ މަހު ސަރުކާރުން އަގުތައް ގާތުން ބަލާނެ 141 ބާވަތުގެ ތެރޭގައި ގޭބީސީތަކުގައި ކެއުމަށާއި ކާތަކެތި ތައްޔާރުކުރުމަށް ބޭނުންކުރާ އަސާސީ 93 ބާވަތަކާއި، މޭވާ އަދި ތަރުކާރީގެ 38 ބާވަތެއްގެ އިތުރުން ކަނޑުމަހުގެ ދިހަ ބާވަތެއް ހިމެނެއެވެ.

އޭގެ ތެރެއިން ބައެއް ބާވަތްތައް އެސްޓީއޯއިން މިހާރު ވަނީ ރާއްޖެ ގެނެސް ވިއްކަން ފަށައިފައެވެ.