ޚަބަރު

ބޭރުގައި ކިޔަވަން ތިބޭ ކުދިންނަށް ފައިސާ ފޮނުވުން ލަސްވަނީ މައުލޫމާތު ފުރިހަމަނުވާތީ

އިބްރާހިމް ޒަކީ

1

ސަރުކާރުގެ ސްކޯލަޝިޕްތަކާއި ލޯނު އެހީގައި ބޭރު ގައުމުތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ސަރުކާރުން ފޮނުވަންޖެހޭ ފައިސާ ފޮނުވަންޖެހޭ ވަގުތައް ނުފޮނުވި ލަސްވަނީ އެކަމަށް ބޭނުންވާ މައުލޫމާތުތައް ފުރިހަމަ ނުވެގެން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ބޭރު ގައުމުތަކުގައި ތިބޭ ކުދިންނަށް ސަރުކާރުން ފޮނުވަންޖެހޭ ފައިސާ ވަގުތަށް ނުލިބުމުގެ ސަބަބުން ކޮލެޖް ފީ އާއި ޓިއުޝަން ފީ ނުދެއްކި ކޮލެޖުން ކަނޑާލަން އިންޒާރު ދިނުމުގެ މައްސަލަތައް ގިނަވެ އެ މައްސަލައިގެ ޝަކުވާ މަޖިލިސް މެންބަރުންނަށް ލިބުމުން އެކަންތައް އޮޅުންފިލުވުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރާއި މިނިސްޓްރީގެ އިސްބޭފުޅުން، މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް މިއަދު ވަނީ ހާޒިރުކޮށްފައެވެ.

އެ މައްސަލައިގައި ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓްރީގެ އިސް ބޭފުޅުން ވިދާޅުވީ، ޕޭމަންޓް ލަސްވުމަށް ބައިވަރު ސަބަބުތައް ދިމާވާ ކަމަށެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ފައިސާ ފޮނުވަންޖެހޭ ކުދިންގެ 20 ޕަސެންޓް ކުދިންނަށް ފައިސާ ނުފޮނުވިވާ ކަމަށާއި އެ ކުދިންނަށް ފައިސާ ނުފޮނުވި ވަނީ މައުލޫމާތު ހަމަނުވުމުން ކަމަށް ވިދާޅުވިއެވެ.

"މީގެ ބައެއް ޕޭމަންޓްތަަކަކީ މިނިސްޓްރީން ފިނޭންސަށް ފޮނުވުމުން އަނބުރާ ފޮނުވާލާ ޕޭމަންތްތަކެއް، އަދި އެމްއެމްއޭއާ ހިސާބުންވެސް ބައެއް ޕޭމަންޓްތައް އަނބުރާ އެބަ ފޮނުވާލާ، އެގޮތުން މި އަހަރުގެ މިހާތަނަށް ބޭރުގައި ތިބި ކިޔަވާ ކުދިންގެ ތެރެއިން 20 ޕަސެންޓް ކިޔަވާ ކުދިންނަށް ފޮނުވަންޖެހޭ ފައިސާ ފޮނުވަން ފިނޭންސް މިނިސްޓްރީއަށް ފޮނުވުމުން ކުއްޖާގެ ފަރާތުން ހިމެނެންޖެހޭ ބައެއް މައުލޫމާތު މަދުވެގެން އަނބުރާ ވަނީ ފޮނުވާލައިފަ،" ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލުން ވިދާޅުވިއެވެ.

އޭގެ އިތުރުން ސަރުކާރުގެ ހަރަދުގައި ރާއްޖޭގައި ކިޔަވާ ކުދިންގެ ތެރެއިން 11 ކުއްޖަކަށް ދޭންޖެހޭ ފައިސާ ދިނުމަށް ހުއްޓުން އަރާފައިވާ ކަމަށާއި ނަމަވެސް އެ ފައިސާ މިހާރު ޕްރޮސެސް ކުރަމުން އަންނަ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟