ދިރާގާއި މަމްސް އެއިޑް ގުޅިގެން މި އަހަރުވެސް 'ރަމަޟާން އެއިޑް' ކެމްޕެއިންގެ ދަށުން، އެހީއަށް ބޭނުންވެފައިވާ 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.
އަންހެނުން، ހާއްސަކޮށް މަންމައިން، ބާރުވެރިކުރުވައި އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި މަސައްކަތްކުރާ މަމްސް އެއިޑުން ކުރިއަށް ގެންދާ 'ރަމަޟާން އެއިޑް' އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީއަށް ބޭނުންވެފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު އާއްމުންނަށް މިހާރު ވަނީ ހުޅުވާލައިފައެވެ.
ދިރާގުން ބުނި ގޮތުގައި ރޯދަ މަހު މަމްސް އެއިޑުން ކުރިއަށް ގެންދާ އެ ޕްރޮގްރާމްގެ މަގުސަދަކީ މަމްސް އެއިޑްގެ ކެއާ ލިސްޓުގައި ހިމެނޭ އެކަނިވެރި މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަޅާލައި މައިންނަށް ރޯދަ މަހަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި ހިމެނޭ ކެއާ ޕެކޭޖުތައް ފޯރުކޮށްދިނުން ކަމަށެވެ.
ދިރާގުން އިތުރަށް ބުނީ، އެ ކުންފުނިން އަބަދުވެސް އަންނަނީ މުޖުތަމައަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށާއި އަންހެނުން ބާރުވެރިކުރުވުމުގެ މަގުސަދުގައި ހިންގާ އެފަދަ ހަރަކާތްތަކަށް އެއްބާރުލުން ދެމުން ކަމަށެވެ.