"ބާން ކޮންވެންޝަން ފޯ ދަ ޕްރޮޓެކްޝަން އޮފް ލިޓަރަރީ އެންޑް އާޓިސްޓިކް ވާކްސް" ގައި ރާއްޖޭން ބައިވުމުގެ ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ދުނިޔޭގެ 181 ގައުމަކުން ސޮއިކޮށްފައިވާ ބާން ކޮންވެންޝަންގައި ރާއްޖޭން ބައިވެރިވުމާމެދު މަޖިލީހުން ރުހުން ހޯއްދެވުމަށް ފޮނުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
1886 ވަނަ އަހަރު ސްވިޒަލޭންޑްގެ ބާންގައި ބޭއްވި ޑިޕްލޮމެޓިކް ކޮންފަރެންސްގައި ގައުމުތަކުން ސޮއިކުރި އެ މުއާހަދާގައި ސާކް ގައުމުތަކުގެ ތެރެއިން މިހާތަނަށް ބައިވެރިވެފައިނުވާ ހަމައެކަނި ގައުމަކީ ރާއްޖެއެވެ. އޭޝިއާ ބައްރުގެ ގައުމުތަކުގެ ތެރެއިން އެ މުއާހަދާގައި މިހާތަނަށް ބައިވެރިނުވަނީ ރާއްޖޭގެ އިތުުރުން އީރާން، އިރާގު އަދި މިއަންމާއެވެ.
މި މުއާހަދާއަށް އަދަބީ އަދި ފަންނީ އުފެއްދުންތައް ހިމާޔަތްކުރުމަށްޓަކައި ގައުމުތަކުގެ ސަރުކާރުތައް ތަމުސީލުކުރާ ޔޫނިއަނެއް އުފެއްދުުމުގެ އިހުތިޔާރު ވަނީ ދީފައެވެ. އެ ޔޫނިއަންގެ ނަމަކީ "ބާން ޔޫނިއަން" އެވެ.
ރާއްޖޭގައި މިހާރު އޮތް ގާނޫނީ ނިޒާމުން މިފަދަ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގައި އުފައްދާ އުފެއްދުންތަކަށް، ގާނޫނީގޮތުން ހިމާޔަތް ލިބިދެވެނީ، ކޮޕީރައިޓްސްއާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނުގެ މެދުވެރިކޮށް ރާއްޖޭގައި އެކަންޏެވެ.
ނަމަވެސް ބާން ކޮންވެންޝަންގައި ރާއްޖޭން ބައިވެރިވުމުން އެ މުއާހަދާގައި ބައިވެރިވެފައިވާ އެހެން ގައުމުތަކުން، އެ މުއާހަދާގައި ބަޔާންކޮށްފައިވާ އިގުތިސާދީ އަދި އަހުލާގީ ހައްގުތައް ދިވެހި އުފެއްދުންތަކަށް ލިބުމުގެ އިތުރުން، ދިވެހި އުފެއްދުންތައް އެހެން ގައުމުތަކުގައި ބޭނުންކުރުމަށް ރޯޔަލްޓީއެއް ނެގުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި މުއާހަދާގައި ރާއްޖޭން ބައިވެރިވުމުގެ މައިގަނޑު މަގުސަދަކީ ސަރުކާރުން ބުނާ ގޮތުން އަދަބީ އަދި ފަންނީ އުފެއްދުންތައް ހިމާޔަތްކޮށްދޭ ބައިނަލްއަގުވާކީ ނިޒާމެއްގައި ރާއްްޖެއިން ބައިވެރިވުމާއި އެ މުއާހަދާގައި ބައިވެރިވުމުން ސަގާފީ ގޮތުންނާއި މުނިފޫހިފިލުވުމާއި ހަބަރު ފެތުރުމުގެ ދާއިރާއިން ނުވަތަ ޓެކްނޮލޮޖީ ބަދަލުކުރުމުގެ ދާއިރާއިން އެހެން ގައުމުތަކާ މުއާމަލާތް ކުރުމާއި މައުލޫމާތާއި ހުނަރު ބަދަލުކުރުމަށް ފަސޭހަތަކެއް ލިބިގަނެ އިތުބާރު އުފެއްދުމެވެ.