ކިޔޫގައި ނުޖެހި ހިދުމަތް ހޯދައި ވިޔަފާރިތަކުން ޑިސްކައުންޓު ލިބޭނެ ގޮތަށް އިސްރަށްވެހިންނަށް ހާއްސަ އިސްރަށްވެހިންގެ ނާދީ މެމްބާޝިޕް ކާޑު ތައާރަފުކޮށްފިއެވެ.
އެ ކާޑު ތައާރަފުކޮށްފައިވަނީ އިސްރަށްވެހިންގެ ނާދީއަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައެވެ. އެ ކާޑު ތައާރަފުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ފަސްޓްލޭޑީ ސާޖިދާ މުހައްމަދެވެ.
ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު ބުނީ އެ ކާޑަކީ ނާދީގެ ކޮންމެ މެންބަރަކަށް ފަސޭހަކަމާއެކު ނާދީގެ ހިދުމަތްތައް ހޯދުމަށާއި، ޕްރޮގްރާމުތަކުގައި ބައިވެރިވުމަށް ބޭނުންކުރެވޭނެ ކާޑެއް ކަމަށެވެ. އޭގެ އިތުރުން ނާދީއާއެކު ޕާޓްނާ ހިދުމަތްދޭ ތަންތަނުން ކިޔޫގައި ނުޖެހި ހިދުމަތް ހޯދުމަށާއި، ޑިސްކައުންޓު ރޭޓުތަކުގައި ވިޔަފާރިކުރުމަށް ވެސް އެ ކާޑު ބޭނުންކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ރަސްމިއްޔާތުގައި މެމްބާޝިޕް ކާޑުގެ އިތުރުން ނާދީގެ ލޯގޯ ވެސް ވަނީ އިފްތިތާހުކޮށްފައެވެ. ނާދީގެ ނަމުގެ އަކުރުތަކުގެ ތެރެއިން "N" އަކުރު ހިމަނައިގެން ހިތެއް ރަމްރުވާ ގޮތަށް ފަރުމާ ކޮށްފައިވާ ލޯގޯ އިން ދައްކައިދެނީ އިސްރަށްވެހިންނަށް އޮތް ލޯތްބާއި ގަދަރެވެ.
މިނިސްޓްރީން ބުނީ ލޯގޯގައި ބޭނުންކޮށްފައިވާ ފެހި ކުލަ ރަމްޒުކޮށްދެނީ ދިރުމާއި އުފާވެރިކަން ކަމަށާއި އޮރެންޖު ކުލައިން ރަމްޒުކޮށްދެނީ އިސްރަށްވެހިން ވިލުންތެރި ބަޔަކަށް ހެދުމަށްޓަކައި ކޮންމެހެން ހޯދައިދޭން ބޭނުންވާ ހިތްވަރާއި ކެރުމާއި، އާ ކަންކަން ތަޖުރިބާކުރުމުގެ ވިސްނުން ކަމަށެވެ.