މަސްތުވާތެކެތީގެ އޮޕަރޭޝަންތަކެއްގައި ތިން އަތޮޅަކުން ފަސްމީހުން ހައްޔަރުކޮށްފިއެވެ.
އެގޮތުން ފުލުހުން ބުނީ، ރ. ދުވާފަރު ޕޮލިސް ސްޓޭޝަނާއި އުނގޫފާރު ޕޮލިސް ސްޓޭޝަނުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި ދެމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ މީހަކާއި 36 އަހަރުގެ މީހެއްކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި ދެމީހުންގެ ތެރެއިން 29 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ރ. އިފުރުގައި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މެއި 25 ވަނަ ދުވަހުގެ ރޭ 01:30 ހާއިރު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އުނގޫފާރު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި މިއޮޕަރޭޝަންގައި އިފުރު ބަނދަރު ސަރަހައްދުން މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރި ކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތް ކަރުދާސްކޮޅު ފެނިފައިވެއެވެ.
އަދި 36 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ދުވާފަރުގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މެއި 25 ވަނަ ދުވަހުގެ 09:00 ހާއިރު ހިންގި އޮޕަރޭޝަންގައެވެ. އުނގޫފާރު ޕޮލިސް ސްޓޭޝަނުން ހިންގި މިއޮޕަރޭޝަންގައި މިމީހާ ހައްޔަރުކޮށް، މިމީހާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ރ. ދުވާފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މީގެ އިތުރުން ނ. ހޮޅުދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު 30 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައިކަމަށް ފުލުހުން ބުނެއެވެ. ހޮޅުދޫގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މެއި 29 ވަނަ ދުވަހުގެ 11:59 ހާއިރު ހިންގި މި އޮޕަރޭޝަނުގައި ހޮޅުދޫގެ ގެއެއް، ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 22 ސެލޯފިންކޮޅާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ނ. ޅޮހި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ހިންގި ހަތަރުވަނަ އޮޕްރޭޝަނުގައި މަސްތުވާތެކެއްޗާއެކު ހައްޔަރުކޮށްފައިވަނީ ހއ. އަތޮޅުގެ ރިސޯޓަކުން ދެމީހެކެވެ. ފުލުހުން ބުނީ މާލެއިން ފުރައިގެން ހއ. އަތޮޅުގެ ރިސޯޓަކަށް ދަތުރުކުރަމުންދާ ސަޕްލައި ދޯންޏަކުން ދެމީހަކު މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު 05:15 ހާއިރު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 28 އަހަރާއި 32 އަހަރުގެ މީހެއް ކަމަށެވެ. އެ ރިސޯޓުން މިދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތް ރަބަރު ފެކެޓު ފެނިފައިވެއެވެ. މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހއ. އުލިގަމު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލަތައް މިހާރު ތަހްގީގު ކުރަމުން ގެންދާކަމަށެވެ.