އެފްއޭއެމް

މާޒިޔާއަށް ދެވަނަ މޮޅެއް، އީގަލްސްއިން ބުރު ބަލިކޮށްފި

ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ގްރޫޕް އޭގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ދެވަނަ މޮޅެއް ހޯދި އިރު، ކްލަބު އީގަލްސްއިން އެ ޓީމުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ޔޫތު މުބާރާތުގައި މިފަހަރު ޖުމުލަ ނުވަ ޓީމަކުން ވާދަ ކުރެއެވެ. ނުވަ ޓީމު، ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތުގެ ގްރޫޕް ސްޓޭޖު ކުރިއަށްގެންދަން ނިންމާފައިވާ އިރު، ގްރޫޕް އޭގައި ހިމެނެނީ އީގަލްސް އާއި މާޒިޔާ، ވެލެންސިއާގެ އިތުރުން ބުރު ސްޕޯޓްސް ކްލަބް އަދި ކްލަބް ގްރީން ސްޓްރީޓްސްއެވެ. ގްރޫޕް ބީގައި ހިމެނެނީ، އޮޑި ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.

މާޒިޔާއިން ފުރަތަމަ ކުޅުނު މެޗުގައި އީގަލްސް ބަލިކޮށްފައި އޮވެގެން އިއްޔެ ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުތް އިރު، އިއްޔެގެ މެޗު މާޒިޔާއިން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއަކުންނެވެ.

މުހައްމަދު އިލާން އިމްރާން މާޒިޔާއަށް ހެޓްރިކް ހަދައިދިން އިރު، ދެން މެޗުގައި ގޯލުތައް ޖެހީ އައިދާން އަހުމަދު މޫސަ އާއި އަނޫފް އަބްދުﷲއެވެ.

އީގަލްސްއިން ފުރަތަމަ މޮޅެއް ހޯދީ ބުރު ސްޕޯޓްސް ކްލަބު ކައިރިން 4-1 އިން މޮޅުވެގެންނެވެ. މެޗުގައި ފުރަތަމަ ބުރުން ގޯލު ޖެހި އިރު، އެ ގޯލަކީ މުހައްމަދު ނައިސަމް ނަދީމް ޖެހި ގޯލެކެވެ. ފަހަތުން އަރައި އީގަލްސްއިން މޮޅުވީ އަބްދުﷲ ޒުހާން ހަސަން މުހައްމަދުގެ ދެ ގޯލާއި އައްޝަމް އިބްރާހީމް މުހައްމަދުގެ ގޯލަކުންނެވެ.

ޔޫތު ޗެމްޕިއަންޝިޕްގެ މެޗުތައް މިއަދާއި މިރޭވެސް އޮންނާނެއެވެ. މިއަދު ހަވީރު އޮންނަ މެޗުގައި ވިކްޓްރީ ސްޕޯޓްސް ކްލަބުން ސަސްއާ ދެކޮޅަށް ނުކުންނަ އިރު، މިރޭ އޮޑި ސްޕޯޓްސް ކްލަބުން ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.