އަންނަ އާދިއްތަ ދުވަހު ރޯޑްސޭފްޓީ ކެމްޕޭނެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.
ޔޫތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފު ވިދާޅުވީ، މީހުން ހޭލުންތެރި ކުރުމުގެ ގޮތުން ރޯޑްސޭފްޓީ ކެންޕޭނަކީ، ނައިބު ރައީސް ފައިސަލް ނަސީމްގެ އެދިވަޑައިގެންނެވުމަކަށް ކުރިއަށް ގެންދަން ރާވާފައިވާ ކެމްޕޭނެއް ކަމަށެވެ. މި ކެމްޕޭން ކުރިއަށް ގެންދާނީ ޔޫތުމިނިސްޓްރީއާއި މޯލްޑިވްސް ޕޮލިސް ސާވިސްއާއި ޓްރާސްޕޯޓް މިނިސްޓްރީ ގުޅިގެން ޖޫން މަހުގެ ދެވަނަ ދުވަހުގެ ހަވީރު 4:30 އިން 5:45 އަށް ކަމަށް މިނިސްޓަރ މަހްލޫފު ވިދާޅުވިއެވެ.
"ވަރަށް ގިނަ ކުންފުނިތަތަކުންވެސް އަޅުގަނޑުމެންނާއެކު ބައިވެރިވާނެ. ޖުމްލަކޮށް މި ހަރަކާތުގައި މި އޮންނަނީ ފްރޭމްތަކެއް ތައްޔާރުކޮށް. ވީހާވެސް ގިނަ ބަޔަކު ފޮޓޯ ނެގުން. ބޮޑަށް ޝޯސަލް މީޑިއާއަށް އަމާޒުކޮށްގެން ކުރިއަށް މިދަނީ. ވީހާވެސް ގިނަ ބަޔަކު މިކެންޕޭނުގައި ބައިވެރިވަޑައިގަތުމަކީ އަޅުގަނޑުމެންގެ އެދުމެއް،" މިނިސްޓަރ ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ ހެލްމެޓް އެޅުމާ ގުޅިގެން ބުރިޖުގައި ހިނގާ އެކްސިޑެންޓުތައް މަދުވުމަށްފަހު އަލުން ރޯދަމަހު އެކްސިޑެންޓުތައް އިތުރުވާކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން މިއީ ވަރަށް މުހިންމު ކެމްޕޭނެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ބާރަށް ދުއްވުމުގެ ނުރައްކާތެރިކަން މީހުންނަށް ބަޔާންކޮށްދީ އަބަދުވެސް ހޭލުންތެރި ކުރުވަމުގެ މުހިންމުކަން މިނިސްޓަރ އައިޝާ ފާހަގަކުރެއްވިއެވެ.