ޚަބަރު

އެމްޓީސީސީއަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 165 މިލިއަން ރުފިޔާ

އެމްޓީސީސީއަށް މިދިޔަ އަހަރު ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 165 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެމްޓީސީސީން މިއަދު އާއްމުކުރި އެ ކުންފުނީގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެ ކުންފުންޏަށް ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނީ 177.55 މިލިއަން ރުފިޔާއެވެ. ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި ލިބުނީ 165.20 މިލިއަން ރުފިޔާއެވެ.

އެމްޓީސީސީން ބުނި ގޮތުގައި އެއީ 2023 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު ސާފު ފައިދާ ކަމަށްވާ 16 މިލިއަން ރުފިޔާއަށް ވުރެ ދިހަ ގުނަ ބޮޑު އަދަދެކެވެ.

އެމްޓީސީސީން ބުނީ، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުނިން 189 މަޝްރޫއު ކުރިއަށް ގެންގޮސްފައިވާ އިރު، ނުވަ މަޝްރޫއެއްގެ މަސައްކަތް ނިންމާލައިފައިވާ ކަމަށެވެ.

މީގެ އިތުރުން ފަހު ކުއާޓަރުގައި ނ. އަތޮޅުގައި އާރްޓީއެލް ހިދުމަތް ފަށާފައިވާ ކަމަށްވެސް ބުންޏެވެ.

އެމްޓީސީސީން ބުނީ، އެ ކުންފުނީގެ މަގުސަދު ހާސިލްކުރުމަށް މި ވަގުތު އަޅަން ޖެހޭ މުހިންމު ފިޔަވަޅުތައް ދެނެގަނެ، އެ ފިޔަވަޅުތައް ތަންފީޒު ކުރަމުންދާނެ ކަމުގެ ޔަގީންކަން އެ ކުންފުނީގެ ހުރިހާ ހިއްސާދާރުންނަށް އަރުވާ ކަމަށެވެ.