ރޯދައާ ދިމާކޮށް އެސްޓީއޯއިން ބާޒާރަށް ނެރޭ ފިޔާ ކިލޯއެއް 16 އަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އޭގެ އިތުރުން 25 ކިލޯގެ ފިޔާ ބަސްތާއެއް، 350 ރުފިޔާއަށް، އަދި 10 ބަސްތާއަށް ވުރެ ގިނައިން ގަންނަ ނަމަ، ބަސްތާއެއް 340 އަށް ލިބޭނެ ކަމަށް ވެސް ބުންޏެވެ.
އެސްޓީއޯއިން ބުނީ އެ އަގުތަކުގައި އެސްޓީއޯގެ ފިހާރަތަކުން މިހާރު ފިޔާ ލިބޭނެ ކަމަށެވެ.
ބާޒާރުގައި މިވަގުތު ފިޔާ ކިލޯއެއް ހުރީ ވަރަށް މަތީ އަގެއްގައެވެ. އެގޮތުން ފިޔާ ކިލޯއެއް އުޅެނީ 25 ރުފިޔާ އާއި 30 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.
ކޮންމެ އަހަރަކު ވެސް ރޯދަ މަހާ ދިމާކޮށް، އެ މަހު އަގު މައްޗަށްދާނެ ކަަމަށް ބެލެވޭ ސާމާނަށް އިސްކަން ދީގެން ދުރާލައި އެސްޓީއޯއިން ތަކެތި އެތެރެ ކުރެއެވެ.
އެސްޓީއޯއިން މިހާރު ވަނީ ކާއްޓާއި ލުނބޯ ވެސް ބާޒާރަށް ނެރެން ނިންމައިފައެވެ. މި ފެށޭ ހަފުތާގައި އެ ތަކެތި ބާޒާރުން ލިބޭނެ ކަމަށާއި ކާއްޓެއްގެ އަގު އުޅޭނީ ފަސް ރުފިޔާއަށް ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.