ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗީފް ފައިނޭންޝިއަލް އޮފިސަރު (ސީއެފްއޯ) އަބްދުﷲ ފާއިދު އާއި ޗީފް ބިޒްނަސް އޮފިސަރު (ސީބީއޯ) އަހުމަދު ޔާމީން މަގާމުން ވަކިކޮށްފިއެވެ.
އެޗްޑީސީގެ އޮފިޝަލަކު ވަނީ "ވަން" އަށް އެކަން ކަށަވަރު ކޮށްދެއްވައިފައެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭ ރައްޔިތުންނަށް ގޯތި ދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމުގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ މައްސަލަ ފެންމަތިވެ، ފެށި ތަހުގީގާ ގުޅިގެން ފާއިދުއާއި ޔާމީން ހިމެނޭހެން އެޗްޑީސީގެ މެނޭޖުމަންޓުގެ އިސްވެރިންތަކެއް ސަސްޕެންޑް ކުރިއެވެ. އެއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
އެ މައްސަލައާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގަން ފުލުހަށާއި އޭސީސީއަށް ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ވަނީ އަމުރުކުރައްވައިފައެވެ. ނަމަވެސް އެ ތަހުގީގުގެ ތަފުސީލެއް އަދިވެސް ހާމަކޮށްފައެއް ނުވެއެވެ.