އެފްއޭއެމް

މާޒިޔާއާއި ވެލެންސިއާއިން ޔޫތު ޗެމްޕިއަންޝިޕްގެ ފެށުން ރަނގަޅުކޮށްފި

(އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުތައް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އިތުރުން ކްލަބު ވެލެންސިއާއިން ކާމިޔާބު ކޮށްފިއެވެ.

މުބާރާތް ފެށުމަށް އިއްޔެ ހަވީރު ގައުމީ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި މާޒިޔާއިން ކްލަބު އީގަލްސް ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ފުރަތަމަ ހާފުގައި މާޒިޔާއިން ދެ ގޯލު ޖެހިއެވެ. އެ ގޯލުތައް ޖެހީ މުހައްމަދު އައިމަން އަހުމަދާއި މުހައްމަދު އިލާން އިމްރާނެވެ. ދެވަނަ ހާފަށް ނުކުމެ އަނޫފް އަބްދުﷲ ޖެހި ގޯލަކާއެކު މާޒިޔާއިން އިތުރަށް ލީޑު ފުޅާކުރި އިރު، މެޗު ނިމެން ދަނިކޮށް އީގަލްސްގެ ގޯލު ޖެހީ އީމާން މުހައްމަދު ވަހީދެވެ.

ވެލެންސިއާއިން ރޭ ބުރު ސްޕޯޓްސް ކްލަބު ބަލިކުރީވެސް 2-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ 10 ވަނަ މިނެޓުގައި ލަހުފާން އަހުމަދު ޝަހީމް ވެލެންސިއާއަށް ލީޑު ނަގައިދިން އިރު، މެޗުގެ ފަހުކޮޅުގައި އެޓީމަށް ލީޑު ފުޅާކޮށްދިނީ އަހުމަދު ކައިން ގަޔާޝް ޖެހި ގޯލުންނެވެ.

ޔޫތު މުބާރާތުގައި މިފަހަރު ޖުމުލަ ނުވަ ޓީމަކުން ވާދަކުރެއެވެ. ނުވަ ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތުގެ ގްރޫޕް ސްޓޭޖު ކުރިއަށްގެންދަން ނިންމާފައިވާ އިރު، ގްރޫޕް އޭގައި ހިމެނެނީ އީގަލްސްއާއި މާޒިޔާ، ވެލެންސިއާގެ އިތުރުން ބުރު ސްޕޯޓްސް ކްލަބް އަދި ކްލަބް ގްރީން ސްޓްރީޓްސްއެވެ. ގްރޫޕް ބީގައި ހިމެނެނީ، އޮޑި ސްޕޯޓްސް ކްލަބާއި އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.

ޔޫތު ލީގުގައި މިއަދު ހަވީރު ވާދަކުރާނީ އޮޑި ސްޕޯޓްސް ކްލަބާއި ވިކްޓްރީ ސްޕޯޓްސް ކްލަބެވެ. މިރޭ އޮންނަ މެޗުގައި އެންމެފަހުގެ ޗެމްޕިއަން ޓީސީން ނުކުންނާނީ ރަނަރަޕް ސުޕަ ޔުނައިޓެޑާ ދެކޮޅަށެވެ.