ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ކުރަމުންގެންދާ މަސައްކަތަށް އެއްބާރުލުން ދިނުމަށް ހޯމް މިނިސްޓްރީން އެދެފި އެވެ.
ހޯމް މިނިސްޓްރީއިން މިހެން އެދެފައި ވަނީ އެ މިނިސްޓްރީން މި ހަފްތާގައި އާންމު ކުރި ''ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019'' އާ ގުޅޭ ގޮތުން މިއަދު އާންމު ކުރި ނޫސް ބަޔާނެއްގައެވެ. މި ބަޔާނުގައި އޮޑިޓް ރިޕޯޓުގައި ވަނީ ދޮގު މައުލޫމާތު ކަމަށާއި، މި ރިޕޯޓުގައި އެކި ފަރާތްތަކަށް ހަވާލާދީ ހިއްސާކޮށްފައިވާ މައުލޫމާތު ތަކަށް އިންކާރުކޮށް ރިޕޯޓާ މެދު ސުވާލު އުފައްދަމުން ގެންދަނީ ސަރުކާރުން ޖަލުގެ ހާލަތު ރަނގަޅު ކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ގޮތުން ކަމަށް ބަޔާންކޮށްފައިވެއެވެ.
''ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019'' އެކުލަވާލާފައިވަނީ އެކަމަށް ހާއްސަ ވަކި ކޮމިޝަނަކުން ކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އަދި މި ކޮމިޝަނަކީ ފަންނީ ގޮތުން ކަމުގެ ގާބިލްކަން ލިބިގެންވާ ރައްޔިތުންގެ އިތުބާރު ލިބިފައިވާ މީހުންތަކެއް ތިބި ކޮމިޝަނެއް ކަމަށް މިނިސްޓްރީން ހާމަކުރެއެވެ. އަދި މި ކޮމިޝަނުން އޮޑިޓް ރިޕޯޓު ތައްޔާރުކޮށްފައިވަނީ ޖަލުތަކުގެ ހާލަތާއި، އެހާލަތު މެދުވެރިވި ސަބަބާއި އެކަން އިސްލާހު ކުރަން އެޅޭނެ ފިޔަވަޅުތަކާއެކު ވަރަށް ތަފްސީލުކޮށްކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީން ހާމަކުރީ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކަށް ހައްލެއް ހޯދަން ޖެހޭކަން ބަލައިގަނެ އެކަންކަން އިސްލާހު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި މަސައްކަތާ ގުޅުން ހުރި އެހެން އިދާތާރަކުން މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރުމަށް މިނިސްޓްރީގެ ފަރާތުން ވަނީ އެދެފައެވެ.
ހޯމް މިނިސްޓްރީން މި ހަފްތާގައި ޖަލުތަކާއި ބެހޭ އޮޑިޓް ރިޕޯޓު އާންމުކޮށްފައި ވާއިރު އެޗްއާރުސީއެމް އިން އިއްޔެ ނެރުނު ބަޔާނެއްގައި މި ރިޕޯޓަކީ ހަގީގަތާ ހިލާފު މައުލޫމާތު ހިމަނައިގެން ނެރެފައިވާ ރިޕޯޓެއް ކަމަށް ބުނެފައެވެ.