ޚަބަރު

ދަފުތަރާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން: ޕީއެންސީ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ދަފުތަރާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން އެ ޕާޓީން ދީފިއެވެ.

ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ދާދިފަހުން ހިންގި "މެމްބާޝިޕް ޑްރައިވް" ހަރަކާތަށްފަހު ބައެއް މީހުންނަށް ނޭނގި ޕާޓީ ބަދަލުކޮށްފައިވާ ކަމަށްބުނެ ޝަކުވާތައް ކުރުމާ ގުޅިގެން އެ ޕާޓީން ވަނީ ދަފުތަރަށް ޝަކުވާއަށް ހުޅުވާލައިފައެވެ.

ޕީއެންސީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ޕާޓީގެ ދަފުތަރާ މެދު ބައެއް ޝަކުވާތައް އާންމުންގެ މެދުގައި ހުރިކަން ޕާޓީއަށް ފާހަގަކުރެވިގެން ޝަކުވާ ހުށަހެޅުމަށް މިދިޔަ މަހުގެ 13 ވަނަ ދުވަހު ހުޅުވާލާފައިވާނެ ކަމަށާއި މިހާތަނަށް ޕާޓީއަށް ހުށަހެޅިފައިވާ ޝަކުވާތަކާ ގުޅޭގޮތުން އެ ޕާޓީން ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ޕީއެންސީގެ ދަފުތަރުގެ ސައްހަކަން ކަށަވަރުކުރުމާއެކު، ދަފުތަރު ބެލެހެއްޓުން ޕާޓީގެ އިދާރީ އޮނިގަނޑުގެ ތެރެއިން ވެސް އިތުރަށް ހަރުދަނާކުރުމަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ޕާޓީގެ ލީޑާޝިޕަށް އަންގަވާފައި ކަމަށް އެ ޕާޓީން ބުންޏެވެ.

"އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި މި ޕާޓީގެ މެންބަރެއްގެ ގޮތުގައި ހިމެނިފައި އޮތުން، ނުވަތަ ނުހިމެނި އޮތުމާ މެދު އެއްވެސް ޝަކުވާއެއް އޮތް ނަމަ، ޕާޓީގެ މައި އިދާރާ ނުވަތަ ރަށްރަށުގެ މި ޕާޓީގެ ސްޓިއަރިން ކޮމިޓީތަކަށް 2025 އޭޕްރީލް 13 ވާ އާދީއްތަ ދުވަހުގެ 15:00ގެ ކުރިން އެފަދަ ޝަކުވާއެއް ހުށަހެޅުއްވުމުން އެފަދަ ޝަކުވާތަކާ މެދު ބަލަންޖެހޭ އެންމެހާ ކަންކަން މި ޕާޓީން ބަލައި، އަޅަންޖެހޭ ފިޔަވަޅެއް އޮތްނަމަ އަޅަމުންދާނެކަމުގައި ދަންނަވަމެވެ..،" ޕީއެންސީގެ ބަޔާނުގައި ބުންޏެވެ.

މިދިޔަ މަހު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިިދިޔަ އަހަރުގެ ޑިސެމްބަރު 31ގެ ނިޔަލަށް އެންމެ މެންބަރުން ގިނަ ޕާޓީއަކީ ވެރިކަން ހިންގާ މައި ޕާޓީ، ޕީއެންސީއެވެ. އެއީ 68،968 މެންބަރުންނާއެކުއެވެ.

ދެވަނައަށް އެންމެ ގިނައިން މެންބަރުން ތިބީ އިދިކޮޅު މައި ޕާޓީ އެމްޑީޕީގައެވެ. އެމްޑީޕީގައި 43،755 މެންބަރުން ތިބި ކަމަށް އީސީން އާންމުކޮށްފައިވާ މައުލޫމާތުން ދައްކައެވެ. 13،826 މެންބަރުންނާއެކު ޖުމްހޫރީ ޕާޓީއަކީ ތިންވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީއެވެ. ދާދިފަހުން އުވާލި ޕީޕީއެމް ހަތަރުވަނައިގައި އޮތް އިރު، އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބީ 12،174 މީހުންނެވެ.

އެމްޑީއޭގެ މެންބަރުންގެ ގޮތުގައި 9،210 މީހުން ތިބި އިރު، އެ ޕާޓީ ވެފައިވަނީ ފަސްވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީއަށެވެ. އަދާލަތު ޕާޓީ ހަވަނައިގައި އޮތް އިރު، އެ ޕާޓީގެ މެންބަރުންގެ އަދަދަކީ 9،049 އެވެ. އެމްއެންޕީގެ މެންބަރުންގެ ގޮތުގައި 6.050 މީހުން ތިބި އިރު، އެ ޕާޓީ ވެފައިވަނީ ހަތްވަނަ އެންމެ މެންބަރުން ގިނަ ޕާޓީއެވެ.

ދަ ޑިމޮކްރެޓްސް މި ލިސްޓުގެ އަށްވަނައިގައި އޮތީ 3،667 މެންބަރުންނާއެކުއެވެ. ނުވަވަނައިގައި އެމްޓީޑީ 2،359 މެންބަރުންނާއެކު އޮތްއިރު 10 ވަނައިގައި އޮތީ ޕީއެންއެފްއެވެ. ޕީއެންއެފްގައި ތިބީ 2،822 މެންބަރުންނެވެ.

ޕީއެންސީއަށް މެންބަރުން އިތުރު ކުރުމުގެ ހަރަކާތުގެ ތެރެއިން ސައްހަ ނޫން ފޯމު ހުށަހެޅުނު ކަމަށް ޕީއެންސީން ވެސް ވަނީ އެއްބަސްވެފައެވެ. ސައްހަ ނޫން ފޯމުތަކުގެ މައްސަލަ ފުލުހުންނާއި އީސީން ދަނީ ބަލަމުންނެވެ.