ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝައިހް އިމްރާންއާ އަބްދުﷲ އާ ބައްދަލުކުރައްވައިފިއެވެ.
މިއަދު ކުރިއަށް ގެންދިޔަ މިބައްދަލުކުރެއްވުމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަނީ، ކޮމިޝަން ފޮރ ޕްރިޒަންސް އޯޑިޓުން ނެރުއްވާފައިވާ ދިވެހިރާއްޖޭގެ ޖަލުތަކުގެ އޯޑިޓް ރިޕޯޓް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަތްޕުޅަށް އަރުވާފައެވެ.
މިމަހުގެ 28 ވަނަ ދުވަހު އާންމުކުރި ޖަލުތަކުގެ އޮޑިޓްރިޕޯޓުގައިވަނީ ޖަލުތަކުގައި ހުރި މައްސަލަތަކާއި، ހޯދުނު ހޯދުންތައް ތަފްސީލުކޮށް ބަޔާން ކޮށްފައެވެ. އެގޮތުން ޖަލުތަކުގައި މީހުން ބޭތިއްބުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުން ބަންދުގައި ބޭތިއްބުމާއި، އިންސާނީ އަދި އެހެނިހެން ވަސީލަތްތައް އެކަށީގެންވާ ވަރަށް ނެތުމާއި، މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދުކޮށްފައި ތިބި ޒުވާނުންގެ އަދަދު ގިނަކަމާއި، މަސްތުވާތަކެތީގެ ގާނޫނަށް ބަދަލުގެނެސްފައި ވީނަމަވެސް ކުރީގެ ހަރުކަށި ގާނޫނޫގެ ދަށުން 25 އަހަރަށް އަދިވެސް މީހުން ޖަލަށް ލާފައި ބައިތިއްބުމާއި، މުއްދަތެއް ނެތްގޮތަށް ތަފާތު މައްސަލަތަކުގައި ދިވެހިންނާއި، ބިދޭސީން ރިމާންޑް ޖަލުގައި ބައިތިއްބާފައިވާކަން މި އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.