މަސްތުވާތަކެތި މައްސަލައެއްގައި ހދ. ހަނިމާދޫން ދެމައިން ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ހަނިމާދޫގައި މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރި ކުރާ ކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހަނިމާދޫގައި އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެ އޮޕަރޭޝަނުގައި ހައްޔަރުކުރީ ހދ. ހަނިމާދޫ / މަޔާ ޕެލަސް، އާމިނަތު (56) އާއި ފާތިމަތު މާޔާ (25) އެވެ.
ހަނިމާދޫ ކައުންސިލު އަލީ އިބްރާހިމް މިއަދު "ވަން" އަށް ވިދާޅުވީ އެއީ މަންމަ އާއި ދަރިފުޅު ކަމަށާއި މާލޭގައި ދިރިއުޅުމަށް ފަހު ހަނިމާދުއަށް ބަދަލުވީ މީގެ ފަސް ވަރަކަށް އަހަރު ކުރިން ކަމަށެވެ. މީގެ ކުރިން އެކަހަލަ ކަމެއް އެ ދެ މީހުންގެ ފަރާތުންވެސް ފެނިފައި ނުވާ ކަމަށާއި ރަށު ރައްޔިތުން ތިބީ ޝޮކެއްގައި ކަމަށް އަލީ ވިދާޅުވިއެވެ.
"މިރަށުގައި އުޅޭތާ ފަސް އަހަރުވާން ކާއިރިވަނީ. އެކަހަލަ ކަމެއް އެނގިފައެއް ނެތް. މިކޮޅަށް އެނގިފައެއް ނެތް އެކަހަލަ ކަމެއް ކޮށްފައި ވާކަން ފާހަގަ ކުރެވިފައެއް ނެތް،" އަލީ ވިދާޅުވިއެެވެ.
ފުލުހުން އިތުރަށް ބުނީ އެ އޮޕަރޭޝަނުގައި، އެ ދެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ގެ ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި ފައިސާ ފެނިފައިވާ ކަމަށެވެ. ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 189.69 ގުރާމު ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އާމިނަތު ފަސް ދުވަހަށް އަދި މާޔާ 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.