ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން

ދުންފަތާ ބެހޭ އާ ގަވައިދަށް އަމަލުކުރުމަކީ ކޮންމެ މީހެއްގެ ފަރުދީ ޒިންމާއެއް: އަމީން

ޝަހީދާ އަބްދުﷲ ސައީދު

ދުންފަތާ ބެހޭ އާ ގަވައިދަށް އަމަލުކުރުމަކީ ކޮންމެ މީހެއްގެ ފަރުދީ ޒިންމާއަކަށް ހަދަންޖެހޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިފަދައިން ވިދާޅުވީ، ދުންފަތާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބާ މާދަމާ ފާހަގަކުރާއިރު، މާދަމާ ދުންފަތުގެ އާ ގަވާއިދަށް އަމަލުކުރަން ފަށާތީ، އެކަމާ ގުޅޭގޮތުން ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ވަކިވަކި ސިނގިރޭޓް ވިއްކުން މަނާވުމާއެކު ވިޔަފާރި ވެރިންނާއި އަދި ސިނގިރޭޓް ވިއްކުމުގައި މިހާތަނަށް ބައިވެރިވާ އެންމެން ގަވައިދަށް އަމަލުކުރުމަކީ އެންމެންގެ ފަރުދީ ޒިންމާއެއް ކަމަށެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ދުންފަތާ ދެކޮޅަށް މި ސަރުކާރުން ފުރަތަމަ ފެށި މަސައްކަތަކީ ދުންފަތުގެ ގަވާއިދު ގެޒެޓު ކުރުން ކަމަށާއި އެގަވާއިދަށް މާދަމާއިން ފެށިގެން އަމަލުކުރަން ފަށާއިރު އެއީ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

އަދި ދުންފަތާ ދެކޮޅަށް މީގެ ކުރިން ކުރަން ނުކެރުނު ކަންކަން މި ސަރުކާރުން ކޮށްފައިވާ ކަމަށާއި އަދިވެސް ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށް ވިދާޅުވިއެވެ.

އަމީން ވިދާޅުވީ މިގަވާއިދު ތަންފީޒު ކުރުމަށް ސަރުކާރުން ފުރިހަމައަށް މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް ކޮންމެ ރައްޔިތަކުވެސް އަމިއްލައަށް ގަވާއިދަށް ތަބާވުމުގެ ސިޔާސަތު ނެރެންޖެހޭ ކަމަށް ވިދާޅުވިއެވެ.

އަދި ދުންފަތާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް މި އަހަރަށް ރާވާފައިވާ ކަމަށެވެ. ރާއްޖޭގެ ބޮޑު ބަޔަކީ ޒުވާން އާބާދީއަކަށް ވާއިރު، ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އާބާދީ ބޮޑުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިރޭ 12:00 އިން ފެށިގެން އަމަލުކުރަން ފަށާ މި ގަވައިދާ ހިލާފުވެއްޖެ މީހަކު އެކުށް ކުރުމަށް ބޭނުންކުރި މުދަލެއްގެ އަގާއި އޭގެ ޓެކުހާއި އެހެނިހެން ފީތަކުގެ ޖުމްލަ އަދަދުގެ ދިހަ ގުނައިން ޖޫރިމަނާ ކުރެވޭނެއެވެ.

އެގޮތުން ދެވަނަ ފަހަރަށް ފަސް ހާސް ރުފިޔާ، ތިންވަނަ ފަހަރަށް ދިހަ ހާސް ރުފިޔާ، އަދި ހަތަރުވަނަ ފަހަރު ވިހި ހާސް ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި ފަސްވަނަ ފަހަރަށް ޖޫރިމަނާކުރެވޭނީ ގާނޫނުގައި ޖޫރިމަނާކުރުމަށް ކަނޑައަޅައިފައިވާ އެންމެ މަތީ އަދަދުންނެވެ.