އެފްއޭއެމް

ނުވަ ޓީމާއެކު ޔޫތު ޗެމްޕިއަންޝިޕް މާދަމާ ފަށަނީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް، މާދަމާ ފަށަން ތާވަލުކޮށްފިއެވެ.

ޔޫތު މުބާރާތް މާދަމާ ހަވީރު 4:00 ގައި ގައުމީ ފުޓުބޯޅަ ދަނޑުގައި ފަށާ އިރު، އެންމެ ފުރަތަމަ މެޗުގައި ނުކުންނާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބު އީގަލްސްއެވެ. ޔޫތު މުބާރާތުގެ މެޗެއް މާދަމާ ރޭވެސް އޮންނާނެއެވެ. އެ މެޗުގައި ކްލަބު ވެލެންސިއާ ނުކުންނާނީ ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

ޔޫތު މުބާރާތުގައި މިފަހަރު ޖުމުލަ ނުވަ ޓީމަކުން ވާދަކުރާނެއެވެ. ނުވަ ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތުގެ ގްރޫޕް ސްޓޭޖު ކުރިއަށްގެންދަން ނިންމާފައިވާ އިރު، ގްރޫޕް އޭގައި ހިމެނެނީ އީގަލްސްއާއި މާޒިޔާ، ވެލެންސިއާގެ އިތުރުން ބުރު ސްޕޯޓްސް ކްލަބް އަދި ކްލަބް ގްރީން ސްޓްރީޓްސްއެވެ. ގްރޫޕް ބީގައި ހިމެނެނީ، އޮޑި ސްޕޯޓްސް ކްލަބާއި އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.

ކޮންމެ ގްރޫޕަކުންވެސް އެއްވަނަ އަދި ދެވަނަ ޓީމު ސެމީ ފައިނަލަށް ދާއިރު، މުބާރާތުގެ ފައިނަލް އޮންނާނީ މިމަހު 27 ވަނަ ދުވަހުއެވެ.

ޔޫތު ލީގު އެންމެފަހުން ހޯދި ޓީސީން އެފަހަރު މުބާރާތުގެ ފައިނަލުގައި ވާދަކުރީ ސަސްއާ ދެކޮޅަށެވެ. ޓީސީން ފައިނަލް ކާމިޔާބުކުރީ ޕެނަލްޓީގައެވެ.