ޚަބަރު

އޯއައިސީގެ ހާރިޖީ ވަޒީރުންގެ ބައްދަލުމުގައި ޝާހިދު ބައިވެރިވެވަޑައިގެންފި

މަރިޔަމް ޝަހުދާ

ސާދަ ވަނަ އިސްލާމިކް ސަމިޓް ކޮންފަރެންސަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފި އެވެ.

ސައުދީ އަރަބިއްޔާގެ ޖިއްދާގައި ކުރިއަށްދާ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ އޯއައިސީގެ މެމްބަރު ގައުމުތަކުގެ ފޮރިން މިނިސްޓަރުންނެވެ.

މި ބައްދަލުވުމުގައި އޯއައިސީ ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާ އެކީ ވަނީ 14 ވަނަ އިސްލާމިކް ސަމިޓް ކޮންފަރެންސްގެ އެޖެންޑާ ފާސްކޮށްފައެވެ. އަދި އިސްލާމިކް ސަމިޓްއިން މީޑިއާއަށް ހާއްސަކޮށް ތައްޔާރުކުރާ ސްޓޭޓްމަންޓް (ކޮމިއުނިކޭ)، މައްކާ ޑެކްލެރޭޝަން އަދި ސީނިއަރ އޮފިޝަލްސް މީޓީންގައި މަސައްކަތް ފެށުނު ފަލަސްތީނުގެ މައްސަލައިގެ ގަރާރުގެ ޑްރާފްޓާ މެދު މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. މި ގަރާރު ފާސްކުރުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ސަމިޓް ކޮންފަރެންސްގައެވެ.

މި ބައްދަލުވުމުގެ ތެރެއިން ރާއްޖޭގެ ފަރާތުން ވަނީ މައްކާ ޑެކްލަރޭޝަނާއި ފަލަސްތީން މައްސަލައިގެ ގަރާރަށް ތާއީދުކޮށްފައެވެ. އަދި މި ދެ ޑޮކިއުމަންޓް ހުރިހާ ގައުމެއްގެ އިއްތުފާގުން ފާސްކުރުމަށް ރާއްޖެއިން ގޮވާލާފައިވެއެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިސްލާމީ އުއްމަތަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދޭދެ ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރު ކުރަން ޖެހޭކަން މިނިސްޓަރ ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ގައުމުތަކުގެ ތަޖުރިބާތައް ހިއްސާ ކުރުމަކީ އިސްލާމީ ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވޭނެ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އިސްލާމީ ގައުމުތަކުގެ މެދުގައި ޒަމާނުއްސުރެ އޮންނަ ގުޅުމަކީ ޒަމާނީ އެކުވެރިކަމާއި މަޝްވަރާގެ އުސޫލުތަކަށް އިހުތިރާމް ކުރުމުގެ އަމަލުތަކުގެ ނަތީޖާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކައިގައި ވަނީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި އަނިޔާ ތަހައްމަލުކުރަމުންދާ މުސްލިމުންނާއެކު ރާއްޖެއިން ތިބިކަން ފާހަގަކޮށް ފަލަސްދީނުގެ ރައްޔިތުންނަށް ލިބިގެންވާ ހައްގައް ރާއްޖެއިން ކުރާ ތާއީދު ހާމަކޮށްފައެވެ. އަދި މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ދުނިޔޭގެ ގައުމުތަކުގެ ވެރިންނަށް ގޮވާލައްވައިފައެވެ. މިނިސްޓަރ ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ނުރައްކާގެ މިންވަރު އިތުރު ކަމަށެވެ.

މި ބައްދަލުވުމުގެ ހަވާސާގެ ތެރެއިންވެސް މިނިސްޓަރ ވަނީ ބަންގްލަދޭޝް، އުރުދުން، އިންޑޮނީޝީއާ، ބްރޫނާއީ، އަދި މިސްރުގެ ފޮރިން މިނިސްޓަރުންނާ ބައްދަލުކުރައްވައި އެގައުމުތަކާއި ރާއްޖެއާއި އިންނަ ގުޅުންތަކާއި ދެގައުމުން ކުރެވެމުންދާ އެކި މަސައްކަތްތަކާ ގުޅިގެން މަޝްވަރާކުރައްވައިފައެވެ. މީގެ އިތުރުން މިނިސްޓަރ ވަނީ ސައުދީގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި ރާއްޖެއަށް ސައުދީއިން ވެދެއްވާ އެހީތަކާ މެދު މަޝްވަރާ ކުރައްވައިފައެވެ.