ޚަބަރު

ބީއެމްއެލް އިން ވިޔަފާރިތަކަށް ދޫކުރާ ލޯނުތަކަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ގެނެސްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިތަކަށް ދޫކުރާ ލޯނުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

ބީއެމްއެލް އިން އެ ބަދަލުތައް ގެނެސްފައިވަނީ ރިއަލް އެސްޓޭޓް ލޯން، ގެސްޓްހައުސް ލޯން އަދި ވޯކިން ކެޕިޓަލް ލޯނަށެވެ.

މި ބަދަލުތަކާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، އެ ބަދަލަކީ ދިވެހި ވިޔަފާރިތަކަށް ބޭންކުން ދޭ އަހައްމިއްޔަތުކަން ހާމަވާ މުހިންމު ބަދަލުތަކެއް ކަމަށެވެ. އަދި ވިޔަފާރިތަކަށް ބޭނުންވާ ލޯން ހޯދަން ފަސޭހަ ކޮށްދިނުމަށް ގިނަ ޝަރުތުތަކެއް ލުއިކޮށް، ބޭންކުން ވިޔަފާރިތައް ކުރިއަރުވައި ވާދަވެރި މާކެޓެއްގައި ވިޔަފާރިތަކަށް ދެމިތިބެވޭނެ ފުރުސަތު ފަހިކޮށްދެމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

ރިއަލް އެސްޓޭޓް ލޯނަށް ގެނައި ބަދަލުތައް:

  • އިކުއިޓީ ނުވަތަ އަމިއްލައަށް ކުރަންޖެހޭ ހަރަދު 30 ޕަސެންޓުން 20 ޕަސެންޓަށް ދަށްކުރުން
  • ލޯން އަނބުރާ ދެއްކުމުގެ މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރުކުރުން
  • ދިގު މުއްދަތަށް ކުއްޔަށް ހިފުމަށާއި ކޮންޓްރެކްޓަރުންނާއި ރިއަލް އެސްޓޭޓް ޑިވެލޮޕަރުންނާއި ކުންފުނިތަކާއި މުއައްސަސާތަކާއި ރަޖިސްޓާ ކޮށްގެން ހިންގާ އެހެނިހެން އިދާރާތަކަށްވެސް ދިގު މުއްދަތުގެ ކުލީ އެގްރީމެންޓާއެކު މިހާރު ލޯނަށް ހުށަހެޅޭނެ ގޮތް ހަމަޖެއްސުން

ގެސްޓްހައުސް ލޯނަށް ގެނައި ބަދަލުތައް

  • ލޯނަށް ހުށަހަޅާ ގެސްޓްހައުސް ރަހުނުގެ ގޮތުގައި ހުށަހެޅޭނެ ގޮތް ހަމަޖެއްސުން
  • ގެސްޓްހައުސް ހިންގާތާ 2 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާނަމަ 11 ޕަސެންޓުގެ ރޭޓުން ލޯން ލިބުން
  • އަލަށް ފަށާ ގެސްޓްހައުސްތަކަށް 12 ޕަސެންޓުގެ ރޭޓުން ލޯން ލިބުން

ވޯކިން ކެޕިޓަލް ލޯނަށް ގެނައި ބަދަލުތައް

ވިޔަފާރިއަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 2.5 ގުނަ އިތުރަށް ލޯން ނެގޭ ގޮތް ހަމަޖެއްސުން ގިނަ ވިޔަފާރިތަކަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ޝަރުތުތައް ލުއިކުރުން