ރޯދަ މަހުގެ އިނާޔަތް ފިޔަވައި އިތުރު ހަދިޔާ ރޯދައާ ގުޅުވައިގެން ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ނުދިނުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފިއެވެ.
ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި ސަރުކާރު މުވައްޒަފުންނަށް މި މަހުގެ 20ގެ ކުރިން 3،000 ރުފިޔާ ދިނުމަށް ޕީސީބީން މިހާރު ވަނީ އަންގައިފައެވެ.
ރޯދަ މަހުގެ އެލަވަންސްގެ އިތުރުން ބައެއް ކަހަލަގެ އެހެން އިނާޔަތްތައް ސަރުކާރުގެ ބައެއް ކުންފުނިތަކުން މުވައްޒަފުންނަށް ދެއެވެ. އޭގެ ތެރޭގައި ފައިސާ އާއި ބައެއް ރޯދަ މަހުގެ ކެއިން ބުއިމުގައި ބޭނުންކުރާ ބައެއް ސާމާނުވެސް ހިމެނެއެވެ.
ޕީސީބީން މިއަދު އާއްމުކުރި ސާކިއުލާގައި ވަނީ، ރޯދަ މަހާ ގުޅިގެން އިތުރު ހަދިޔާތައް މުވައްޒަފުންނަށް ދިނުން މަނާކޮށްފައެވެ.
ސާކިއުލާގައި ބުނީ، ރޯދަ މަސް ފެށޭއިރު އޮފީހަށް ހިދުމަތް ނުލިބޭ ގޮތަށް ޕޭ ލީވް (ސްކޮލާޝިޕް މުވައްޒަފުން) އަދި ނޯ ޕޭ ލީވްފައި ތިބޭ މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތް ހަމަޖައްސައިދީގެން ނުވާނެ ކަމަށާއި ނަމަވެސް އެފަދަ ލީވްއެއްގައި ހުންނަ މުވައްޒަފަކު ރޯދަ މަހުގެ ތެރޭގައި އެނބުރި ހިދުމަތަށް ނުކުމެއްޖެ ނަމަ، އެ ދުވަހުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ޖެހޭ ވަރު ބަލައި އެ އަދަދަށް އިނާޔަތް ދޭން ޖެހޭނެ ކަމަށެވެ.
ސާކިއުލާގައި އިތުރަށް ބުނީ، ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުގެ ނޮން-އެގްޒެކެޓިވް ޑިރެކްޓަރުންނަށް ކުންފުނީގެ ފަރާތުން ރޯދަ އެލަވަންސް ދޭން ނުޖެހޭ ކަމަށެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރޯދަ މަސް ފެށޭނީ މާޗް މަހުގެ ފުރަތަމަ ދުވަހުއެވެ.