ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ކުރާ ދައުރަށް ބަދަލު ގެނަސް މަސައްކަތްކުރާ ދުވަސްތަކަށް ބަދަލު ގެންނަން މަޖިލީހުގެ ގަވާއިދަށް އިސްލާހު ހުށަހަޅައިފިއެވެ.
މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ ރިފާއު ހުށަހެޅުއްވި މި އިސްލާހު ވަނީ މަޖިލީހުގެ އާއްމު ކޮމިޓީއަށް ފޮނުވައިފައެވެ.
ރިފާއު އިސްލާހު ހުށަހަޅުއްވާފައިވަނީ މަޖިލިސް ގަވާއިދުގެ 24 ވަނަ މާއްދާއަށެވެ.
ގަވާއިދުގައި މިހާރު އޮންނަނީ މަޖިލީހުގެ ފުރަތަމަ ދައުރު ހިގާނީ، ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ތިންވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެއަށްފަހު އެ އަހަރުގެ މަސައްކަތް ނިންމައި ޗުއްޓީއަށް ދިއުމަށެވެ.
ރިފާއު ހުށަހަޅުއްވާަފައިވާ އިސްލާހުގައި ވަނީ، މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖަނަވަރީ މަހުގެ ނިޔަލަށް ބަދަލު ކުރުމަށެވެ. އަދި ދެވަނަ ދައުރު އެޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ބަދަލު ކުރުމަށެވެ. މީގެ އިތުރުން ތިންވަނަ ދައުރު ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް، ކުރިއަށް ގެންދިއުމަށްފަހު މަޖިލިސް ޗުއްޓީއަށް ދިއުމަށެވެ.