ޚަބަރު

އިންޑަސްޓްރިއަލް ވިލެޖުގެ މަސައްކަތް މަޑުޖައްސާލީ ޕްލޭނަށް ބަދަލުގެންނާތީ: މިނިސްޓްރީ

މަރިޔަމް ޝަހުދާ

މާލޭ އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތް ކުރިއަށް ނުގެންގޮސް މަދުޖައްސާލާފައިވަނީ، އެތަނުގެ ޕްލޭން ބަދަލުކޮށް، އަލުން ޕްލޭން ކުރުމުގެ މަސައްކަތް ކުރިއަށް ދާތީ ކަމަށް ޕްލޭނިންގ މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރ މަރްޔަމް އިނާ މާޖިދު ވިދާޅުވެއްޖެއެވެ.

''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން އިނާ ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖު ތަރައްގީކޮށް، ކުއްޔަށް ދިނުމުގެ ޕްލޭން ހާމަ ކުރާނީ މަސައްކަތް ނިމުމުން ކަމަށެވެ. އަދި ކުށްޔަށް ދޫކުރާ ބިންތައް ބޭނުން ކުރާނެ ގޮތްތަކާއި ކުއްޔަށް ދޫކުރާ ޕްލޮޓުތަކުގެ އަދަދު އާންމު ކުރާނީވެސް އިންޑަސްޓްރިއަލް ވިލެޖުގެ މަސައްކަތް އެއްކޮށް ނިމުމުން ކަމަށް އިނާ ވިދާޅުވިއެވެ.

އިންޑަސްޓްރިއަލް ވިލެޖުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ ސަރުކާރުން 2016 ވަނަ އަހަރުގައެވެ.

ކުނި މެނޭޖު ކުރުމުގެ މަސައްކަތާއި، މާލެ ތެރޭގައި ކުރާ އިންޑަަސްޓްރިއަލްގެ ހުރިހާ މަސައްކަތެއް ކުރުމަށް ހާއްސަކޮށް ތަރައްގީ ކުރަން ފެށި މި ސަރަހައްދުގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ އެމްޓީސީސީއާއެވެ.

ކުރީގެ ސަރުކާރުން ބުނެފައިވަނީ، 2017ގައި އެމަސައްކަތް ނިންމައި ޖުލައި 26ގައި އިންޑަސްޓްރިއަލް ވިލެޖު ހުޅުވާނެ ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާހެދި އިންޑަސްޓްރިއަލް ވިލެޖުގެ މަސައްކަތް ހުއްޓުނުތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.