މިދިޔަ އަހަރު ނިމުނު އިރު، 240 އަށްވުރެ ގިނަ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ތިބި ކަމަށް ޝަރުއީ ކޯޓުތަކުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
"ގަޟާއީ އަހަރު 2025" އިފްތިތާހުކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ކޯޓުތަކުގެ ތަފާސްހިސާބުތައް ދައްކުވައިދޭ ޕްރެޒެންޓޭޝަންގައި ފާހަގަކޮށްފައިވާ ގޮތުގައި ކްރިމިނަލް ކޯޓުގެ ބެކްލޮގް ކުލިއާކުރުމަށް ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރިއަށްގެންދެވުނު ސިލްސިލާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން 2022 ވަނަ އަހަރު ކޯޓުގެ ބެކްލޮގް ކޮންމެވެސް މިންވަރަކަށް ކުޑަކުރެވިގެންދިޔަ ކަމަށެވެ.
ނަމަވެސް 2023 ވަނަ އަހަރު ކްރިމިނަލް ކޯޓުގެ އިމާރާތް ބޭނުންނުކުރެވޭ ހާލަތަށް ދިއުމާ ގުޅިގެން ކޯޓުގެ މަސައްކަތްތައް އެހެން އިމާރާތަކަށް ބަދަލުކުރުމަށް ހޭދަވި މުއްދަތުގެ ތެރޭ ކޯޓުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ބުރޫއަރައިގެންދިޔަ ކަމަށާއި އެކަމުގެ ނަތީޖާއެއްގެ ގޮތުން 2023 ވަނަ އަހަރު ނިމުނު އިރު، ކުރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތައް އިތުރުވެގެންދިޔަ ކަމަށް ޕްރެޒެންޓޭޝަންގައި ފާހަގަކުރިއެވެ.
ޕްރެޒެންޓޭޝަންގައި ފާހަގަކޮށްފައިވާ ގޮތުގައި، ކްރިމިނަލް ކޯޓު އިމާރާތާއި އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން އެ ކޯޓުގެ ބެކްލޮގް ކުލިއާކުރުމުގައި ގިނަ ގޮންޖެހުންތަކެއް އެބަހުއްޓެވެ. ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ދިގުލައިގެން ދިއުމަކީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ ހައްގުތަކަށް އެކަމުގެ ނޭދެވޭ އަސަރުކުރާ ކަމެއް ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
ކްރިމިނަލް ކޯޓުގެ އިތުރުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް ނިންމުމުގައި ވެސް ގޮންޖެހުންތަކެއް ހުރިކަން އެ ކޯޓުތަކުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ސިވިލް ކޯޓަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވެސް އިމާރާތާއި އެކަށީގެންވާ ވަސީލަތްތައް ނެތުމެވެ.