އުރީދޫއިން މިއަހަރު ބާއްވާ ކަލާ ރަން އަންނަ މަހުގެ 28 ގައި އައްޑޫ ސިޓީގައި ބާއްވަން ނިންމައިފިއެވެ.
އުރީދޫއިން މިއަދު ބުނީ ޖޫންމަހުގެ 21 ގައި ބާއްވަން ނިންމި ދުވުން 28 އަށް ފަސްކުރީ ގިނަ ޕާޓުނަރުންނާއި، ދުވުންތެރިންގެ އެދުމުގެ މަތިން ގިނަ ދުވުންތެރިންނަށް ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
މި ދުވުމުގައި ހަ އަހަރުން މަތީގެ ފަރާތްތަކަށް ބައިވެރި ވެވޭނެއެވެ. ފަސް ކިލޯމީޓަރުގެ މި ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެ ދުވުމެކެވެ. މި ދުވުމުގައި ތަފާތު ހަރަކާތްތައް ހިމެނޭ ކަމަށް އުރީދޫއިން ބުނެއެވެ.
އުރީދޫ ކަލާ ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފައި، ދުވެފައިވެސް އަދި ނަށަމުންވެސް މި ދުވުން ނިންމިދާނެ އެވެ.
މި ހަރަކާތް އިތުރަށް ފޯރިގަދަ ކުރުމަށްޓަކައި، ބައިވެރިންގެ ތެރެއިން އެންމެ ފޯރިގަދަ ދުވުންތެރިޔާ އަދި އެންމެ ސަޅި ކޮސްޓިއުމް ހޮވައި ހާއްސަ އިނާމުތަކެއްދެއެވެ.
މިދިޔަ އަހަރު ހުޅުމާލޭގައި ބޭއްވި ކަލާ ރަން އާއި އެއްގޮތަށް، އައްޑޫގައި ވެސް ކަލާ ރަންގެ ފޯރި މުޅި ދުވަހަށް ކުރިއަށްގެންދާނެ އެވެ. މިގޮތުން، ހަވީރު ބާއްވާ ރަންގެ ކުރިން، ހެނދުނު ކައިޓް ފެސްޓިވަލެއްވެސް ބޭއްވުމަށްވަނީ ހަމަޖައްސައިފަ ފައެވެ.
މި ދުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އުރީދޫ މޯލްޑިވްސްގެ ވެބްސައިޓް މެދުވެރިކޮށް ރެޖިސްޓަރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވައިލާނެ އެވެ.
ޔޫތް މިނިސްޓްރީގެ ބައިވެރިވުމާ އެކު، މިދިޔަ މަހު އުރީދޫ ކަލާ ރަން އައްޑޫގައި ބާއްވަން އިއުލާންކުރީ ރާއްޖޭގެ އެހެން ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް, އުރީދޫ ކަލަ ރަންގެ އުފާ ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމަށެވެ.
އުރިދޫ ކަލާ ރަން ކުރިއަށް ގެންދަނީ، ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނެވޭނެ ހަރަކާތެއްކަން އަންގައިދިނުމުގެ އަމާޒުގަ އެވެ. މި ދުވުމުގެ މަގުބޫލުކަން އަހަރުން އަހަރަށް އިތުރުވަމުން އަންނަ ކަމަށް އުރީދޫ އިން މައުލޫމާތު ދެއެވެ.
އައްޑޫގައި އުރީދޫ ކަލާ ރަން ބާއްވަނީ ޔޫތު މިނިސްޓްރީއާ ގުޅިގެންނެވެ. މިނިސްޓަރު އަހުމަދު މަހުލޫފު ކުރިން ވިދާޅުވެފައިވަނީ ހުރިހާ ކަމެއް މާލޭގައި ހިންގުމުގެ ބަދަލުގައި އެހެން ރަށްރަށުގައިވެސް ހިންގުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.