ޚަބަރު

ރަށު އެކްސްޕޯގެ ބޭންކިން ޕާޓްނަރަކަށް ބީއެމްއެލް

ރަށު ފަތުރުވެރިކަމާއި ރަށްރަށުގެ ސަގާފަތާއި އާދަކާދަ ޕްރޮމޯޓްކުރުމަށް ބާއްވާ ހާއްސަ "ރަށު އެކްސްޕޯ"ގެ ބޭންކިން ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ.

އެ އެއްބަސްވުމާ ގުޅޭގޮތުން ބީއެމްއެލްގެ ޗީފް ބިޒްނަސް އޮފިސަރު މޫސާ ނިމާލް ވިދާޅުވީ ވަރަށް ގިނަ ރައްޔިތުންނާ ގުޅޭ މިފަދަ އެކްސްޕޯއެއްގައި ބީއެމްއެލްއަށް ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ލިބޭ ފަހުރެއް ކަމަށާއި މިއީ ވިޔަފާރިތަކާ އާންމުން ގުޅުވައިލަދޭނެ މުހިންމު އެކްސްޕޯއަކަށް ވެގެންދާނޭކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ރަށު އެކްސްޕޯ އިންތިޒާމުކުރާ ދަ ޓްރެވަލް ގާއިޒްގެ ޑިރެކްޓަރު ޑރ. ހުސައިން ސަނީ އުމަރު ވިދާޅުވީ ރަށު އެކްސްޕޯގެ ބޭންކިން ޕާޓްނަރަކަށް ބީއެމްއެލް ހަމަޖެހިގެން ދިއުމަކީ ރާއްޖޭގެ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް އެ ބޭންކުން ދޭ އަހަމިއްޔަތުކަން ހާމަވާ ކަމެއް ކަމަށެވެ.

"އަދި ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ބޭންކިން ހިދުމަތް ދޭ ކުންފުނިން މި އިވެންޓުގައި ބައިވެރިވިކަމީ މި އެކްސްޕޯއަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް. އަދި މިއީ ފަތުރުވެރި ދާއިރާގައި އުފެދިގެން އަންނަ ކުންފުނިތަކާއި ރަށްރަށުގެ ތަރައްގީއަށް ބީއެމްއެލުން އިސްކަންދޭކަމުގެ ހެއްކެއް،" އޭނާ ވިދާޅުވިއެވެ.

"ރަށު އެކްސްޕޯ" ބޭއްވުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 13 އިން 15 އަށް ހުޅުމާލޭ ސެންޓްރަލް ޕާކްގައެވެ. މި އެކްސްޕޯގައި ރަށު ކައުންސިލްތަކާއި ގެސްޓްހައުސްތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ގިނަ ސްޓޯލްތައް ހުންނާނެއެވެ.