ތ. ވިލުފުށީ ކެފޭއަކަށް ސިހުރު ހެދި މައްސަލައެއް ބަލަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ ހޯމަ ދުވަހުގެ ދަންވަރު 12:05 ހާއިރު ވިލުފުށީ ކެފޭއެއްގެ ކުރިމައްޗަށް ސިހުރު ހަދާފައިވާ ކަމަށް ތުހުމަތުކުރެވޭ އެއްޗެހިތަކެއް އަޅާފައިވާ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންގެންދާ ކަމަށް ފުލުހުން ބުންޏެވެ.
ވިލުފުށީގައި އެ މައްސަލަ ބަލަމުން އަންނަ އިރު، ސިހުރު ހަދާކަމުގެ ތުހުމަތުގައި ރ. އަލިފުއްޓާއި އެ އަތޮޅު މީދޫގައި ވެސް މިދިޔަ މަހުގެ 12 ވަނަ ދުވަހު ފުލުހުންގެ އޮޕަރޭޝަނެއް ކުރިއަށްގެންދިޔައެވެ. އެ އޮޕަރޭޝަނުގައި އަލިފުއްޓާއި މީދޫގައި 12 ގެއެއް ބަލައި ފާސްކުރިއެވެ.