އިބްރާހިމް ޒަކީ
ޝަރުއީ ދާއިރާ ތަކާއި މިނިވަން މުއައްސަސާތަކުގެ އިސް ވެރީންގެ މުސާރަ އާއި މަޖިލިސް މެންބަރުންގެ މުސާރައިިން 10 ޕަސެންޓް އުނިކުރުމުން، އަހަރަކު 14.1 މިލިޔަން ރުފިޔާ ސަލާމަތްވާ ކަމަށް ދައްކައިފިއެވެ.
ސަރުކާރުގެ އިގުތިސޯދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދު ކުޑަކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ކުރިއަށް އޮތް ދެ އަހަރަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ގޮތުގައި އެފަރާތްތަކުގެ މުސާރައިން 10 ޕަސެންޓް އުނުކޮށްދެއްވުމަށް އެދި މަޖިލީހަށް ހުށަހެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވައިދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ އަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ، މިކަމަކީ އިގުތިސޯދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކެއް ކަމަށެވެ.
އެގޮތުން މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ ތެރެއިން އަސާސީ މުސާރަ، 12،000 ރުފިޔާއަށްވުރެ މަތިން ލިބޭ މަގާމުތަކުގެ އަސާސީ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް މަޖިލީހަށް ހުށަހަޅުއްވައިދެއްވައި، މަޖިލީހުން ނިންމަވާގޮތެއް އަންގަވައިދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.
އަދި ޝަރުއީ ދާއިރާގެ އިސްވެރިންނާއި މަޖިލިސް މެންބަރުންގެ އަސާސީ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް މަޖިލީހަށް ފެނިވަޑައިގަންނަވާ ކަމަށްވާނަމަ، އެކަން ވެސް މަޖިލީހަށް ހުށަހަޅުއްވައިދެއްވައި، މަޖިލީހުން ނިންމާ ގޮތެއް އަންގައިވައިދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސް އެދިވަޑައިގެންފައިވެއެވެ.
އެ މައްސަލަ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ހުށަހެޅުމުން، އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވިއެވެ.
އެ މައްސަލަ ދިރާސާކުރުމަށް މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އިދާރީ މޭޒުން ހުށަހެޅި ހުށަހެޅުމުގައި ވަނީ، އެ ފަރާތްތަކުގެ މުސާރައިން 10 ޕަސެންޓް އުނި ކުރުމުން އަހަރަކު 14.1 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ ކަމަށެވެ.