ރައީސް ސޯލިހު އުމްރާގެ އަޅުކަން ފުރިހަމަކުރައްވައިފި އެވެ.
ރައީސް ސޯލިހު އުމްރާގެ އަޅުކަން ފުރިހަމަކުރެއްވީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ 14 ވަނަ ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ސައުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރޭގަ އެވެ.
"ވަން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި އެމަނިކުފާނު އުމްރާގެ އަޅުކަން ފުރިހަމަ ކުރެއްވީ ރޭގެ ވަގުތެއްގައެވެ.
އޯއައިސީ ސަމިޓަށް އެމަނިކުފާނު، ސައުދީ އަރަބިއްޔާއަށް ވަޑައިގަތީ އިއްޔެއެވެ. ސައުދީ އަރަބިއްޔާއިން އެމަނކުފާނަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. ރައީސަށް މަރުހަބާ ދަންނަވާފައި ވަނީ ސައުދީގެ ރޯޔަލް ޕްރޮޓޮކޯލް މިނިސްޓަރެވެ.
އޯއައިސީ ސަމިޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ ސައުދީ އަރަބިއްޔާގެ މައްކާގައެވެ.
މި ސަމިޓަކީ އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ މުހިންމު މައްސަލަތަކާ ބެހޭގޮތުން އިސްލާމީ ގައުމުތަކުގެ އިސްވެރިން ބައްދަލުކުރައްވައި މަޝްވަރާކުރުމަށް ބާއްވާ ސަމިޓެކެވެ.
މިގޮތުން މިއަދު ދުނިޔޭގައި މުސްލިމުންނާމެދު ގެންގުޅޭ ނޭދެވޭ ތަފާތުކުރުންތަކުގެ އަމަލުތައް ގިނަވަމުންދާ މައްސަލައާއި މެދުއިރުމަތީގެ ހަމަޖެހުމާއި އަދިވެސް މުސްލިމް އުންމަތަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތަކާބެހޭ ގޮތުން މި ސަމިޓްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.
1969ގައި އޯއައިސީ އުފެދުމާއެކު އެޖަމާއަތް ވެގެން ގޮސްފައި ވަނީ މުޅި މުސްލިމް އުންމަތުގެ އަޑު އިއްވައިދޭ ފަރާތްކަމުގައެވެ. ބިލިޔަނަކަށްވުރެ ގިނަ މުސްލިމުން ތަމްސީލުކުރުމަށް އޯއައިސީގައި މިހާރު 57 މެންބަރު ގައުމު ބައިވެރިވެއެވެ.
މުސްލިމު އުންމަތަށް އެންމެ މުހިންމު ކަންކަމާމެދު މަޝްވަރާކުރުމަށް އޯއައިސީގެ ބައްދަލުވުން ބާއްވަމުން އަންނަނީ ކޮންމެ 3 އަހަރަކުން އެއްއަހަރުއެވެ.