ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނަމުގައި ވަގު ކްރިޕްޓޯ ކަރަންސީ އެކައުންޓެއް ހަދައިގެން ސްކޭމެއް ހިންގަން ފަށައިފިއެވެ.
އެ އެކައުންޓު ހަދާފައިވަނީ ރައީސްގެ ނަމާއި ފޮޓޯ ބޭނުންކޮށްގެންނެވެ. އެ އެކައުންޓުގައި އެކްސް އިން ދައުލަތުގެ ވެރިންނަށްދޭ "ގްރޭ ވެރިފިކޭޝަން" ބެޖު ވެސް ހިމެނެއެވެ.
އެ އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ރާއްޖެ އިން ވެސް ކްރިޕްޓޯ ކަރަންސީއެއް ތައާރަފު ކޮށްފައިވާ ކަމަށާއި އެއީ "ޑިޖިޓަލް ކަލްޗާ" ގެ ދާއިރާގައި ރާއްޖެ އިން އެޅި ވަރުގަދަ ފިޔަވަޅެއް ކަމަށެވެ.
އެ މައްސަލައިގައި ކްރިޕްޓޯ ކަރަންސީއާ ގުޅޭ އެކައުންޓަކުން ބުނީ ރާއްޖޭގެ ރައީސްގެ ނަމުގައި ކޮށްފައިވާ އެ ޕޯސްޓުތަކަކީ ސްކޭމެއް ކަމަށާއި ރާއްޖެ އިން ކްރިޕްޓޯ ކަރަންސީއެއް ލޯންޗު ނުކުރާ ކަމަށެވެ. އަދި އެކަމަށް ސަމާލުވާން އަންގައި ކުރި ޕޯސްޓުގައި ވަނީ ރައީސް މުއިއްޒުގެ އަސްލު އެކައުންޓު ޓެގް ކޮށްފައެވެ.
އެކަމާ ގުޅިގެން މިހާތަނަށް ސަރުކާރުން އަދި ޕޮލިހުން ވެސް ވަކި ޖަވާބެއް ނުދެއެވެ.