ކޯރާޑިއަކުން މީހަކަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި ދެ މީހުންނަށް ބަންދު ޖަހައިފިއެވެ.
ފުލުހުން ބުނި ގޮތުގައި ހުޅުމާލެ ބޯގަންވިލާމަގު، ރެހެންދި ޓާފު ދަނޑު ހުޅަނގުފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ސައިކަލެއްގައި ދިޔަ ދެ މީހަކު ހަމަލާދީފައިވާ މައްސަލަ އިއްޔެ ރޭ 23:35 ހާއިރު ރިޕޯޓު ކުރި ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ގދ. ފޮޔޯރީ/ ހީނާމާގެ، ރުސްތަމް އިވބްރާހިމް 25އ. އަދި ބ. ގޮއިދޫ/ ސްޓާ، ސައިފުﷲ ފައިސަލް، 19 އ. ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ މީހުން ހައްޔަރުކުރީ ސިނަމާލެ ބުރިޖާ ގުޅިފައިވާ ހައިވޭ މަތިންނެވެ.
ފުލުހުން މިއަދު ބުނީ އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ރުސްތަމްގެ ބަންދަށް ތިން ދުވަސް އަދި ސައިފު، ތަހުގީގު ނިމެންދެން ބަންދުކޮށްފައިވާ ކަަމަށެވެ.
އެ ހަމަލާގައި އަނިޔާވި މީހާއަށް، ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލާފައި ކަމަށާއި އެ މާރާމާރީގައި ހަމަލާދީނީ ކޯރާޑިއަކުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފައުވެއެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.