އިބްރާހިމް ޒަކީ
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެއްކޮށްލައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިނިސްޓަރަކަށް ތޯރިގު އިބްރާހީމް އައްޔަނުކުރައްވާފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
އެ ދެ މިނިސްޓްރީ އެއްކޮށްލައްވައި، މިނިސްޓާ އޮފް ޓޫރިޒަމް، އެންޑް، އެންވަޔަރަންމަންޓްގެ މަގާމަށް ތޯރިގު އައްޔަން ކުރެއްވީ މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު، އޭރު ހުންނެވި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވަކި ކުރެއްވުމަށްފަހުގައެވެ.
މިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަޒު މުއިއްޒު އެ މަނިކުފާނުގެ ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރެއިން ތިން ވުޒާރާއެއްގެ މަސައްކަތުގެ ދާއިރާއަށް ވަނީ ބަދަލު ގެންނަވައި، އެ ވުޒާރާތަކުގެ މަސައްކަތް އަލުން ތަރުތީބު ކުރައްވައިފައެވެ.
އޭގެ ތެރޭގައި ހިމެނެނީ މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓާއި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އާއި މިނިސްޓްރީ އޮފް ހެލްތެވެ.
މި ވުޒާރާ ތަކަށް ގެންނެވި ބަދަލުތަކާއި، މިނިސްޓަރު ތޯރިގަށް މަޖިލީހުގެ ރުހުން ދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދާރީ މޭޒުން އިއްވެވުމުން، އެ މައްސަލަތައް އިތުރަށް ދިރާސާ ކުރުމަށް، މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާމިންވަރު ބަލާ ކޮމިޓީއަށް އެ މައްސަލަ ފޮނުއްވިއެވެ.