ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރެއްގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މި ވަގުތު ބަލަމުން ނުދާކަން އެނގިއްޖެ އެވެ.
އިންތިހާބުވާ ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުތައް ބާތިލްކުރަން ހުށަހެޅި މައްސަލަ އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފައި ވަނިކޮށް އެ ކޯޓުގެ ތިން ފަނޑިޔާރަކު ވަކިކުރަން އުޅޭ ކަމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ.
އެމްޑީޕީން ތުހުމަތުކުރަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ވަކިކޮށް، ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި މި ވަގުތު ތިއްބެވި ބޭފުޅުން ސުޕްރީމް ކޯޓު ފަނޑިޔާރު ކަމަށް އައްޔަންކުރަން ވެގެން އުޅޭ ކަމަށެވެ. އޭގެ ތެރޭގައި މިހާރުގެ ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފްވެސް ހިމެނިވަޑައިގަންނަވާ ކަމަށް އެމްޑީޕީން ތުހުމަތުކޮށްފައިވެއެވެ.
އެކަމާ ގުޅިގެން "ވަން" އަށް މައުލޫމާތު ދެއްވަމުން ޖޭއެސްސީގެ އޮފިސަރަކު ވިދާޅުވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރަކާ ގުޅޭ އެ ފަދަ މައްސަލައެއް ކޮމިޝަނުގައި އަދި ނެތް ކަމަށެވެ.
ގާނޫނު އޮންނަ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ވަކިކުރެވޭނީ ޖޭއެސްސީން މައްސަލައެއް ބެލުމަށް ފަހު ވަކިކުރަން ނިންމައި ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެންނެވެ.