ކުރިއަށްއޮތް ރަމަޟާން މަހަށް ބޭނުންވާ މުދާ ދަތިކަމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެސްޓީއޯ އިން ދުރާލާ ތައްޔާރުވަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރޯދަމަހާ ގާތްކޮށް ބައެއް ތަކެތީގެ އަގު އިންތިހާއަށް ބޮޑުވާ އިރު، ބާޒާރުން ބައެއް ތަކެތި ލިބުމަށް ވެސް ދަތި ދަތިވެއެވެ. އަދި އެ ދަތިކަމާ ހުރެ، ބައެއް ފަހަރު ފިހާރަތަކުން ތަކެތި ވިއްކުމުގައި ލިމިޓުކުރާ ތަން ވެސް ފެނިގެންދެއެވެ.
ޝިމާދު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަގު މައްޗަށް ދާ ބާވަތްތައް ދެނެގަނެ, ދުވަހުން ދުވަހަށް ބާޒާރުގެ އަގުތައް މޮނިޓާކުރަމުން އަންނަ ކަމަށާއި އެގޮތުން ލުނބޯގެ ފުރަތަމަ ޝިޕްމަންޓް މިހާރު ލިބިފައިވާ ކަމަށެވެ.
"އެސްޓީއޯ އިން މި އަންނަނީ ރަމަޟާން މަހަށް ބޭނުންވާ މުދާ ދަތިކަމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ދުރާލާ ތައްޔާރުވަމުން،" ޝިމާދު ވިދާޅުވިއެވެ.
އެސްޓީއޯ އިން ލުނބޯގެ ޝިޕްމަންޓެއް ގެނެސްފައިމިވަނީ، ބާޒާރުގައި ލުނބޯގެ އަގު އުފުލިފައިވަނިކޮށެވެ. އެގޮތުން ބާޒާރުގައި މިހާރު ލުނބޯގެ އަގު އުޅެނީ، ކިލޯއެއް 60 ރުފިޔާއަށެވެ.