ޚަބަރު

މަސްތުވެގެންހުރި ކަމަށް ތުހުމަތުކޮށް ޑްރައިވަރަކާއިމެދު ފުލުހުން އަމަލުކުރި ގޮތް ބަލަނީ

މުހައްމަދު އިޝާން

ޑްރައިވަރަކު މަސްތުވެގެންހުރި ކަމަށް ތުހުމަތުކޮށް ފުލުހުން އެ ޑްރައިވަރާމެދު އަމަލުކުރި ގޮތުގެ ރިވިއުއެއް ހަދަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ އިއްޔެ 10:13 އެހާކަންހާއިރު މަސްތުގެ ހާލަތުގައި ހުރި މީހަކު އުޅަނދު ދުއްވާކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. ފުލުހުން ބުނީ އެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން ގޮސް ބެލިއިރު އެ މީހާ ދުއްވި ވޭން ހުޅުމާލެ ފިތުރޯނު މަގު އަރިމައްޗަށް އަރައި އެކްސިޑެންޓް ވެފައި އޮތްކަން ފާހަގަ ކުރެވުނު ކަމަށެވެ.

އިތުރަށް ބެލުމުން އެ ވޭން ހުޅުމާލެ އަދި ހުޅުމާލެއާއި ހުޅުމާލެ ފޭސް ދޭއް ގުޅުވައިދޭ ބްރިޖު ޑިވަޑައިޑަރުގައި ޖެހި އެކްސިޑެންޓް ވެފައިވާކަން ވެސް އެނގުނު ކަމަށެވެ.

"މި މައްސަލައާ ގުޅިގެން އުޅަނދު ދުއްވި މީހާ ފުލުހުންގެ ބެލުމުގެ ދަށުގެ ގެނެސް ކުޑަކަމުދާތަކެތި ތަހުލީލު ކުރުމަށްފަހު، ނެގެޓިވްވުމުން ވަނީ ދޫކޮށްލައިފައި" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ވޭން ދުއްވަން އިން އެ މީހާ ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލައިފައިވަނީ އިއްޔެގެ 17:28 އެހާކަންހާއިރު ކަމަށެވެ.

އަދި އެ މީހާ "ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު އަމަލުކޮށްފައިވާ ގޮތް ރިވިއު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް" ފުލުހުން ބުންޏެވެ.

އެ ރިވިއުގެ ތެރެއިން އުސޫލުތަކާ ހިލާފަށް އެއްވެސް ކަމެއް ހިނގައިފައިވާކަން ފާހަގަ ކުރެއްވިއްޖެނަމަ ނުވަތަ އިހުމާލުވެފައި ވާނަމަ އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.