ޚަބަރު

މޯލްޑިވްސް މެރިން ރިސާޗް އިންސްޓްޓިއުޓްގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ޝަކީލް ނިޔާވެއްޖެ

މޯލްޑިވްސް މެރިން ރިސާޗް އިންސްޓްޓިއުޓް (އެމްއެމްއާރްއައި) އަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ހަސަން ޝަކީލް ނިޔާވެއްޖެއެވެ.

ޝަކީލް ނިޔާވިއިރު އުމުރަކީ 64 އަހަރެވެ.

އެމްއެމްއާރްއައިގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ޝަކީލް ނިޔާވުމާ ގުޅިގެން އެ އިދާރާއިން ބުނީ ޝަކީލަކީ އެ ދާއިރާގެ މީހުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ އަދި މެރިކަލްޗާ ރިސާޗް ކުރިއެރުވުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެއް ކަމަށެވެ.

ޝަކީލް ނިޔާވުމާ ގުޅިގެން އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަސްވެރިކަމާއި ކަނޑުތަކާ ބެހޭ ދިރާސާތައް ކުރެއްވުމުގައި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގައި 40 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައިފައިވާ ޝަކީލް އަވަހާރަވުމަކީ، އެ ދާއިރާއިން ގައުމަށް ލިބުނު ފޫނުބެއްދޭނެ އުނި ކަމެއް ކަމަށެވެ.

ޝަކީލަކީ މަސައްކަތް ކުރެއްވުމުގައި ހީވާގި، ހިތްވަރު ގަދަ ބޭފުޅެއް ކަމަށެވެ. އަދި ނިޔާވި އިރު، ހުންނެވީ މެރިން ރިސާޗް އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި، ގައުމީ ހިދުމަތުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޝަކީލްގެ ކަށު ނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.