ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސައުދީ އަރަބިއްޔާއިން ރައީސް ސޯލިހަށް ހޫނު މަރުހަބާއެއް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސައުދީ އަރަބިއްޔާއަށް ވަޑައިގަތުމުން އެމަނިކުފާނަށް އެ ގައުމުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ރައީސް ސޯލިހުގެ މިދަތުރުފުޅަކީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ) ގެ 14 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ރައީސް އޮފީހުން މިއަދު ބުނިގޮތުގައި އެމަނިކުފާނަށް މަރުހަބާ ދަންނަވާފައި ވަނީ ސައުދީގެ ރޯޔަލް ޕްރޮޓޮކޯލް މިނިސްޓަރެވެ. އަދި ރައީސް އޮފީހުން އާންމުކުރި ފޮޓޯއެއްގައި އުމްރާގެ އަޅުކަމަށް އިހުރާމް ބަންނަވައިގެން ރައީސް ހުންނެވި މަންޒަރު ފެނެއެވެ.

އިސްލާމީ ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ސަމިޓު އޮންނާނީ މާދަމާ މައްކާގައެވެ. އެ ސަމިޓުގެ ރިޔާސަތު ބަލަހައްޓަވާނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒެވެ. މިސަމިޓުގައި ރައީސް ތަގުރީރު ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

މި ސަމިޓަކީ އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ މުހިންމު މައްސަލަތަކާ ބެހޭގޮތުން އިސްލާމީ ގައުމުތަކުގެ އިސްވެރިން ބައްދަލުކުރައްވައި މަޝްވަރާކުރުމަށް ބާއްވާ ސަމިޓެކެވެ.

އެގޮތުން ދުނިޔޭގައި މުސްލިމުންނާމެދު ގެންގުޅޭ ނޭދެވޭ ތަފާތުކުރުންތަކުގެ އަމަލުތައް ގިނަވަމުންދާ މައްސަލައާއި މެދުއިރުމަތީގެ ހަމަޖެހުމާއި އަދިވެސް މުސްލިމް އުންމަތަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތަކާބެހޭ ގޮތުން މި ސަމިޓްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.

މުސްލިމު ގައުމުތަކުގެ ސުލްހަ އާއި ހަމަޖެހުން ގާއިމްކުރުމުގެ ގޮތުން 1969 ވަނަ އަހަރު ސައޫދީ އަރަބިއްޔާގައި އުފެއްދި ޖަމުއިއްޔާއެއް ކަމަށްވާ އޯއައިސީގައި މިހާރު 57 ގައުމެއް ހިމެނެއެވެ. ދިވެހިރާއްޖެ އޯއައިސީގެ މެންބަރަކަށްވެފައި ވަނީ 1976 ވަނަ އަހަރުއެވެ.