ރ. މީދޫގައި ކުުޑަކުއްޖަކަށް ފުލުހުންގެ މީހަކު އަނީކުރި ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މީދޫ މަގުމަތީގައި ކުދިބަޔަކު އަޑުގަދަ ކުރަމުންދާތީ އެކަން އެގޮތަށް ނުކުރުމަށް އޮފް ޑިއުޓީގައި ހުރި ފުލުހަކު ނަސޭހަތްތެރިވި ކަމަށާއި ނަމަވެސް އަޑުގަދަކުރުން ނުހުއްޓާނެ ކަމަށް ބުނެ ޒާތީ މައުލޫމާތު ހިއްސާ ކުރުމަށް އެ ކުދިން ދެކޮޅު ހެދި ކަމަށެވެ.
ޒާތީ މައުލޫމާތު ނުދޭނެ ކަމަށް ބުނެ ސުލްހަވާން ދެކޮޅު ހެދުމުން އެ ރަށު ފުލުސް ސްޓޭޝަނަށް ހާޒިރުވާން އޮފް ޑިއުޓީގައި ހުރި ފުލުސް އޮފިސަރު އެ ކުދިންނަށް އެންގި ކަމަށާއި ނަމަވެސް އޭގެ ތެރެއިން ކުއްޖަކު އެ ފުލުސް އޮފިސަރަށް ހަމަލާ ދިން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، ފުލުސް އޮފިސަރަށް ހަމަލާ ދިން ކުއްޖާއަށް ފުލުސް އޮފިސަރު އަނިޔާކުރި ކަމަށް އެ ކުއްޖާގެ އާއިލާ އިން ތުހުމަތު ކުރާތީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ.
އޭގެ އިތުރުން އެ ހާދިސާގައި ފުލުސް އޮފިސަރަށް ހަމަލާ ދިން ކުއްޖާ ކޮންޓްރޯލް ކުރުމުގައި ފުލުސް އޮފިސަރު އަމަލު ކޮށްފައިވާ ގޮތުގެ ރިވިއުއެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ހަދަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ރ. މީދޫގައި ކުޑަކުއްޖަކު ހައްޔަރު ކުރަން އުޅުނު ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯ އިން ފެންނަނީ ކުލަ ހެދުމުގައި ހުރި ފުލުހަކު އެ ކުއްޖާ ގެންދަން މަސައްކަތް ކުރުމުން، ދެކޮޅު ހަދައި ފުލުސް މީހާ ބިންމައްޗަށް ވައްޓައިލާ މަންޒަރެވެ. ނަމަވެސް ފުލުހުން މީހާ ތެދުވެ، ކުޑަކުއްޖާ ބިން މައްޗަށް ވައްޓައިލާ އެ ކުއްޖާ މަތަކުރާ މަންޒަރު ވީޑިއޯއިން ފެނެއެވެ.