ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގެ ނަން މޯލްޑިވްސް ޑިޖިޓަލް ސާވިސަސްއަށް ބަދަލުކޮށް، އެ އިދާރާއަށް ގާނޫނީ ބާރުވެރިކަން ދިނުމަށް ގާނޫނެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރިޔާސީ ބަޔާން ފޯރަމްގައި ރޭ ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ ލުއިފަސޭހަ ގޮތަކަށް އިދާރާތަކުން ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ހުރިހާ އިދާރާއެއް ގުޅިފައި އޮންނަ ގޮތަށް ޑޭޓާ އެކްސްޗޭންޖު ލޭޔާއެއް ގާއިމުކުރާނެ ކަމަށާއި އެ ޑިޖިޓަލައިޒޭޝަންތަކާއެކު ސައިބަ ސެކިއުރިޓީ ކަށަވަރުކުރުމަށް ވެސް މަސައްކަތްކުރެވިގެންދާނެ ކަމަށެވެ. އަދި ޑިޖިޓަލައިޒޭޝަން ނިޒާމުތައް ބެލެހެއްޓުމުގެ މަސައްކަތް ގާނޫނަކުން މޯލްޑިވްސް ޑިޖިޓަލް ސާވިސަސް އުފައްދައި، އެ އިދާރާއާ ހަވާލުކުރާނެ ކަމަށް ވިދާޅުވިއެވެ.
"ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީގެ ނަމުގައި މިހާރު ފަންކްޝަން ކުރާ އިދާރާ ގާނޫނެއްގެ ތެރެއިން އަޅުގަނޑުމެން އެބަ ބަދަލުކުރަން މޯލްޑިވްސް ޑިޖިޓަލް ސާވިސަސްއަށް. ބަދަލުކޮށްފައި، މި މުޅި ޑިޖިޓަލައިޒޭޝަންގެ އެފާޓް އޯވާސީ ކުރާ، ގަވާންކުރާ އޮތޯރިޓީއަކީ އެ އެތޯރިޓީ ކަމަށް ހަދާފައި، ސްޓޭންޑާޑްސްތައް ކަނޑައަޅާފައި ދައުލަތުގެ ހުރިހާ އިދާރާއެއް ވެސް އަޅުގަނޑުމެން މެންޑޭޓުކުރާނަން ރައީސް ކަނޑައަޅުއްވާފައިވާ ޓައިމްލައިންގެ ތެރެއިން ޑިޖިޓަލް ސާވިސްގެ ތެރެއަށް ވަދެގެން އަންނަން،" މިނިސްޓަރު ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ ރައްޔިތުންނަށް ފަސޭހަކަމާއެކު ހިދުމަތްތައް ދެވި، ހިދުމަތުގެ ފެންވަރު ވަކި ވަރަކަށް ގިންތިކުރެވި، ހިދުމަތް ލިބުމަށް ހޭދަވާނެ ވަގުތު އެނގޭނެ ގޮތަށް ސާވިސް ޗާޓާއެއް ހެދިގެންދާނެ ކަމަށާއި 2027 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މުޅި އެންވަޔަރަމަންޓް ޑިޖިޓަލައިޒްކުރެވި، ޑިޖިޓަލް ސްޕޭސްގެ ތެރެއިން ރައްޔިތުންނަށް ހިދުމަތްދެވޭނެ މަގުފަހިކޮށްދޭނެ ކަމަށެވެ. އަދި ޑިޖިޓަލައިޒޭޝަންގެ އެ ހިދުމަތްތައް ޑިޒައިންކޮށް ފޯރުކޮށްދިނުމުގައި ޕްރައިވެޓް ސެކްޓާގެ ބައިވެރިވުން ވެސް އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ހަމައެއާއެކުގައި އަޅުގަނޑުމެންނެއް ނުވިސްނަން ދައުލަތުން ހުރިހާ، ނުވަތަ ސަރުކާރުން ހުރިހާ ހިދުމަތެއް ޑިޒައިންކޮށް ފޯރުކޮށްދޭކަށް. ޕްރައިވެޓް ސެކްޓާ އާއި އިންޑަސްޓްރީގެ ތެރެއިން ހަދާ ސާވިސްތައް ޕްރޮކިއޯ ވެސް ކުރާނެ. ކޮށްފައި، އެ އިދާރާތަކަށް ބޭނުންވާ ސާވިސް ޕްރައިވެޓް ސެކްޓާ އިން ފޯރުކޮށްދޭ ހާލަތުގައި އަޅުގަނޑުމެން ވަކި މިންގަނޑުތަކެއް ކަނޑައަޅާނަން، މިއޮތީއޭ ދައުލަތަށް ހިދުމަތް ފޯރުކޮށްދޭ ޑިޖިޓަލް ސާވިސްއެއް ކަމަށްވެއްޖެއްޔާ އެ ޑިޖިޓަލް ސާވިސް ހުންނަން ޖެހޭނެ މިންގަނޑަކީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިހުސާން އިތުރަށް ވިދާޅުވީ އެ މަސައްކަތްތައް ކުރާނީ އޭގެ ތެރެއިން ގިނަ ޒުވާނުންނަށް ޑިޖިޓަލް އިކޮނޮމީގެ ފައިދާ ވެސް ލިބިގެން އަންނަ ގޮތަކަށް މަގުފަހިކޮށްދީގެން ކަމަށާއި އެ ޒުވާނުންގެ ޕްރޮޑަކްޓްތައް ބޭރު ގައުމުތަކަށް ވިއްކޭނެ ނިޒާމު ޑިޖިޓަލް ޕޭމަންޓް ސިސްޓަމްގެ ތެރެއިން ފަހިކޮށްދިނުމުގެ ކަންކަން ހަމަޖެހިގެންދާނެ ކަމަށެވެ.