އަތޮޅުތަކުގައި ހިންގާ ޑްރަގު ނެޓްވޯކުތައް ނައްތާލުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށާއި މިހާތަނަށް ފުވައްމުލަކު ސިޓީން އެއްކޮށްހެން ނައްތާލެވިފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރިޔާސީ ބަޔާން ފޯރަމްގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ފުވައްމުލަކުގައި ޑްރަގު ކެފޭއެއްގެ ގޮތުގައި ތަންތަން ހަދައިގެން މީހުންނަށް މަސްތުވާތަކެތި ދެމުންގެންދާ ތަންތަން އެއްކޮށް މިދިޔަ އަހަރުގެ ތެރޭ ހުއްޓުވައި، އެކަންކަން ކުރަމުންދާ މީހުން ހިފައި ހައްޔަރުކޮށްފައިވާނެ ކަމަށެވެ.
"އަޅުގަނޑު ފާހަގަކޮށްލާނަން އަތޮޅުތަކަށް ހާއްސަކޮށްގެން ޑްރަގު އޮޕަރޭޝަންތައް ހިންގައި، އަތޮޅުގައި ހިންގާ ހުރިހާ ޑްރަގު ނެޓްވޯކުތަކެއް ނައްތާލުމުގެ މަސައްކަތެއް އަޅުގަނޑުމެން އެބަކުރަން. އޭގެ ތެރެއިން މިިދިޔަ އަހަރު ކާމިޔާބުކަމާއެކު އެއް އަތޮޅު އަޅުގަނޑުމެން ވަނީ އެއްކޮށް ކަހަލަ ގޮތަކަށް ނިންމާފައި، ޏ. އަތޮޅު ފުވައްމުލައް،" މިނިސްޓަރު ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ ރާއްޖޭގައި ޑްރަގުގެ ވިޔަފާރީގައި އިސްކޮށް ތިބޭ ފަރާތްތަކުން އާންމުކޮށް އެ ވިޔަފާރި ކުރަނީ އެހެނިހެން ވިޔަފާރި ކުރިއަށް ނެރެގެން އޭގެ ފަހަތުގައި ތިބެގެން ކަމަށާއި އެމީހުން މަނީ ލޯންޑަރިންގެ ކުށުގައި ހައްޔަރުކޮށް، އެމީހުންނަށް ވެސް ގާނޫނުން ދެވެން އޮންނަ އެންމެ ހަރުކަށި އަދަބު މިހާރު އެދަނީ ދެމުން ކަމަށެވެ. އަދި ފާއިތުވެދިޔަ އަހަރު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"2023 ވަނަ އަހަރު އަޅުގަނޑުމެން ހަވާލުވި އިރު، އޭގެ ކުރީގެ އެއް އަހަރުގައި ގާތްގަނޑަކަށް 600 މިލިއަން ރުފިޔާގެ ޑްރަގްސް ވަނީ އިންޓަސެޕްޓް ކޮށްފައި، އޭގެ ކުރީ އަހަރު. މިދިޔަ އަހަރު އަޅުގަނޑުމެންގެ މަސައްކަތުން 1.2 ބިލިއަން ރުފިޔާގެ ޑްރަގްސް ވަނީ ރާއްޖޭގެ މަގުތަކަށް ދިއުމުން އިންޓަސެޕްޓް ކުރެވިފައި،" އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރު އިހުސާން އިތުރަށް ވިދާޅުވީ ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރެވޭ މަގުތައް ބަންދުކުރުމަށް ފުލުހުންނާއި ކަސްޓަމްސްއާ ގުޅިގެން ހަދާފައިވާ ޓާސްކްފޯހުން ވެސް ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުން އަންނަ ކަމަށެވެ.