މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 3.43 ރުފިޔާ ބަހަން އުރީދޫގެ އަހަރީ އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ.
އުރީދޫން މިއަދު ބުނީ މިއަދު ބޭއްވި ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގައި މިދިޔަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހުށަހަޅާނެ އަދަދާއި މިދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓު ފާސްކޮށްފައިވާ ކަމަށެވެ.
އެގޮތުން ޑިރެކްޓަރުންގެ ބޯޑުން މިދިޔަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހުށަހެޅުމަށް ނިންމާފައިވަނީ ހިއްސާއަކަށް 3.43 ރުފިޔާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓު މިމަހުގެ 21 ގެ ކުރިން އާންމުކުރާނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.
އުރީދޫން ބުނި ގޮތުގައި މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ އަދި މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ ލިބޭނީ މިދިޔަ އަހަރުގެ ފެބްރުއަރީ 18 ގެ މެންދުރު 2:00 ގެ ކުރިން އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ދަފުތަރުގައި ހިމެނިފައިވާ ފަރާތްތަކަށް ކަމަށެވެ.
އުރީދޫން ބުނީ އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް މި އާންމު ޖަލަސާގައި ބައިވެރިވެގެން ވެސް، ފާސްކުރުމަށް ހުށަހަޅާފައިވާ ކަންކަމަށް ވޯޓު ދެވޭނެ ކަމަށެވެ. އަހަރީ އާންމު ޖަލްސާ ބާއްވަން ނިންމާފައިވަނީ އަންނަ މަހުއެވެ.
އުރީދޫން އިތުރަށް ބުނީ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ މިމަހުގެ 22 ވަނަ ދުވަހުގެ ކުރިން އެ ކުންފުނީގެ ވެބްސައިޓު، http://www.ooredoo.mv/investors/ ގައި ޝާއިއު ކުރާނެ ކަމަށެވެ. މި ނޯޓިސް މެދުވެރިކޮށް ޖަލްސާ ބާއްވާނެ ތާރީހާއި ގަޑި އާއި ތަނާއި އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާ ގުޅޭ އިތުރު މައުލޫމާތު ވެސް އާންމު ކުރާނެ ކަމަށް ބުންޏެވެ