އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގައި ވަކި ގޮތަކަށް ވޯޓުދޭން މެންބަރުންނަށް މަޖުބޫރުކޮށް، ވިޕްލައިން އެޅުމަކީ ގާނޫނު އަސާސީއާ ހިލާފް ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ގާސިމް ވިދާޅުވީ، ގާނޫނު އަސާސީ ބުނާގޮތުން ވިޕްލައިނެއް ނުނެރެވޭނެ ކަމަށެވެ.
އެއީ ވޯޓުދޭން މަޖުބޫރު ކުރުން ކަމަށާއި މަޖިލީހުގައި ބަހުސްކޮށް ވޯޓު ދިނުމަކީ މެންބަރުންނަށް ލިބިގެންވާ މިނިވަން ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
"ވިޕްލައިން އެޅުމަކީ ގާނޫނު އަސާސީ ތަންދޭ ކަމެއް ނޫން. ގާނޫނު އަސާސީ ބުނާގޮތުން ވިޕްލައިނެއް ނޭޅޭނެ. ނަމަވެސް އެކަން ކުރަނީ ޕާލަމެންޓުން. ގާނޫނުއަސާސީގެ 75 ވަނަ މާއްދާއަށް ބަލާއިރު ވަކިގޮތަކަށް ވޯޓު ދޭން މަޖުބޫރެއް ނުކުރެވޭނެ،" ގާސިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ވިޕްލައިން ނެރެގެން ޕާޓީ މީހުންނަށް ވޯޓުލާން ދުވަހަކު ވެސް މަޖުބޫރު ކޮށްފައިނުވާނެ ކަމަށެވެ. އަދި ވިދާޅުވީ މެންބަރުން މަޖިލީހުގެ ވަކި ގޮތަކަށް ވާހަކަ ދެއްކުމަށް ވެސް މަޖުބޫރު ނުކުރެވޭނެ ކަމަށެވެ.
މެންބަރަކު ވާހަދައްކަންވީ ގޮތާއި ވާހަކަދެއްކުމުގެ ކަންތައްތައް ވެސް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާނެ ކަމަށާއި އިސްލާމް ދީނާ ހިލާފުނުވާ ކޮންމެ ވާހަކައެއް ވެސް މަޖިލީހުގައި ދެއްކޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތަށް ދައްކާ ވާހަކައެއްގެ ސަބަބުން ޝަރީއަތަށް ނުގެންދެވޭނެ ކަމަށާއި އެކަން ތަހުގީގު ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.