ފިއުލް ސަޕްލައި މޯލްޑިވްސް

ނެރުމައްޗަށް އެރި ބޯޓުގައި ހުރި ތެޔޮ އެހެން ބޯޓަކަށް ނެގުމުގެ މަސައްކަތް ފަށައިފި

ގިނަ އަދަދެއްގެ ތެލާއި ޑީސަލާއެކު ކ. ކާށިދޫ ނެރުމައްޗަށް އަރާފައިވާ ފިޔުލް ސަޕްލައި މޯލްޑިވްސްގެ ތެޔޮބޯޓުގައި ހުރި ހުރިހާ ތެލެއް އެހެން ބާޖަކަށް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ މާލެއިން ފުރައިގެން ކ. ކާށިދޫ އަށް ދަތުރުކުރަނިކޮށް ކާށިދޫ ނެރަށް އުރުނީ "މާތޮޅި'' ނަމަކަށް ކިޔާ ތެޔޮ ބޯޓެއް ކަމަށެވެ. މިބޯޓް ކާށިދޫ ނެރުމައްޗަށް އަރާފައިވަނީ މާލެއިން ފުރައިގެން ކާށިދޫއަށް ދަނިކޮށެވެ.

އެމްއެންޑީއެފުން ބުނީ ބޯޓް ނެރުމައްޗަށް އެރިކަމުގެ މައުލޫމާތު ލިބިފައިވަނީ އިއްޔެ އިރުއޮއްސި 6:44 ހާއިރު ކަމަށެވެ.

ފަރަށް އެރި އެ ބޯޓުގައި 180،000 ލިޓަރުގެ ޑީސަލް އާއި 27،000 ލިޓަރުގެ ޕެޓްރޯލް ހުރި ކަމަށާއި އެހާދިސާ ހިނގިއިރު ބޯޓްގައި 6 ދިވެހިން ތިބި ކަމަށް ބުނެފައިވެއެވެ. އަދި އެހާދިސާގައި ބޯޓަށްވެސް އަދި އެއްވެސް މީހަކަށް ވެސް ގެއްލުން ނުވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި މިއަދު ހެނދުނު 6:00 އިން ފެށިގެން ބޯޓް ފުންކުރުމުގެ މަސައްކަތް ބޯޓްގެ ވެރިފަރާތާއި އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ.

ބޯޓުން ތެޔޮ ލީކުވުން ފަަދަ ކަމެއް ހިނގާފާނެ ކަމުގެ ބިރެއް ނެތް ކަމަށް ފިއުލް ސަޕްލައި އިން ވިދާޅުވެއެވެ.