މަގުމަތީގެ އެކްސިޑެންޓް

އޮއްތޮގެ އެކްސިޑެންޓަށް އަހަރެއް، ކޯޓުގެ ފުރަތަމަ އަޑުއެހުން މިއަދު

މަރިޔަމް ޝަހުދާ

މިދިޔަ އަހަރުގެ މެއި މަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓްއެއްގެ ސަބަބުން އަނިޔާވި އުމަރު ސަލީމް (އޮއްތޮ)ގެ މައްސަލައަށް އަހަރެއް ވެފައި ވާއިރު، ކޯޓުގެ ފުރަތަމަ އަޑުއެހުން މިއަދު ކުރިއަށް ދަނެކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

މި އެކްސިޑެންޓުގެ މައްސަލައިގެ ކޯޓުގެ އަޑުއެހުން މިއަދު ފަށާނެކަމަށް ވިދާޅުވެ ހަމީދު ޓުވީޓު ކުރެއްވީ އިއްޔެ އެވެ. ހަމީދު ވިދާޅުވީ މިމައްސަލައިގައި ގަވައިދާ ހިލާފަށް ސައިކަލު ދުއްވި މީހާއާއި ދެކޮޅަށް ކުރާ ދައުވާގެ ފުރަތަމަ އަޑުއެހުން މިއަދު ކުރިޔަށް ދާނީ ހުޅުމާލެ ކޯޓުގައި ކަމަށެވެ.

މިދިޔަ އަހަރު މެއި 29ގައި މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލެ ސިނާއީ ސަރަހައްދުގައެވެ. މި އެކްސިޑެންޓު ހިނގަން މެދުވެރިވީ އޮއްތޮ ދުއްވާފައި ދިޔަ ސައިކަލެއްގައި ބާރަށް ދުއްވާފަ އައި އެހެން ސައިކަލެއް ޖެހުމުގެ ސަބަބުންނެވެ. އެކްސިޑެންޓުގައި އޮއްތޮގެ ސިނކުޑިއަށް ލޭ އެޅުމުގެ ސަބަބުން ބޮޑު އޮޕްރޭޝަނެއް ކޮށްފައިވާއިރު، ތިން ހަފުތާވަންދެން އޮއްތޮ ކޯމާގައިވެސް އޮތެވެ.

މި ހާދިސާއަށް އެއް އަހަރު ވުމާ ގުޅިގެން އޮއްތޮގެ އާއިލާއިން އިއްޔެ ވަނީ ބްރިޖް ސަރަހައްދުގައި ރަކައްތެރިކަމާއެކު މަގުމަތީގައި ދުއްވުމާއި ގުޅޭގޮތުން މީހުން ހޭލުންތެރި ކުރުމަށް ހާއްސަ ކެމްޕެއިނެއް ކުރިއަށް ގެންގޮސްފައެވެ.