ގއ. ވިލިނގިލީގައި ހާލު ބޮޑު މާބަނޑު އަންހެނަކާއި ސިޒޭރިއަން ހަދައިގެން ނެގި އޭނާގެ ދަރިފުޅު މަރުވި މައްސަލަ ހެލްތް މިނިސްޓްރީން ބަލަން ފަށައިފިއެވެ.
އެ ހާދިސާގައި މަރުވީ ގއ. ވިލިނގިލީ/ ޒަމާނީވިލާ، ފާތިމަތު ޝިއުނާ، 37 އާއި އޭނާއަށް ލިބުނު ތިންވަނަ ދަރިފުޅެވެ.
ޝިއުނާގެ ފިރިމީހާ، ޝިފާޒު ޒާހިރު މީޑިއާއަކަށް ބުނި ގޮތުގައި ގއ. އަތޮޅު ހޮސްޕިޓަލުގައި ޝިއުނާ އެޑްމިޓް ކުރީ ރޯގާ ޖެހި، މާބޮޑަށް ކެއްސާތީ މިދިޔަ އަންގާރަ ދުވަހުގެ ރޭ މެންދަމު ދޭއް ޖެހި ފަހުންނެވެ.
ޝިއުނާގެ ހާލު ބޮޑުވެ، އޮކްސިޖަން ލެވަލް ދަށަށް ދިއުމުން ވެންޓިލޭޓަރުގެ އެހީގައި ނޭވާ ލެވޭ ގޮތް ހަދައި، ސިޒޭރިއަން ހަދައިގެން ދަރިފުޅު ނަގަން ޖެހުނީ ހޮސްޕިޓަލަށް ގެންދިޔަ ގޮތަށް ހެނދުނު ވީއިރުވެސް ޑޮކްޓަރެއް އައިސް އޭނާއަށް ފަރުވާ ނުދެވި ލަސްވުމުގެ ސަބަބުން ކަމަށްވެސް ޝިފާޒު ބުންޏެވެ.
އޭނާ ބުނި ގޮތުގައި ޝިއުނާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެންދިއުމަށް ކޫއްޑޫ އެއާޕޯޓަށް ޖެއްސި އެއާ އެންބިއުލާންސްގެ ވެންޓިލޭޓަރު ހުރީ ހަލާކުވެފައި ކަމަށާއި އެ ފްލައިޓުގައި ބަލި މީހަކަށް ދޭނެ އޮކްސިޖަނެއް ނެތް ކަމަށެވެ.
އެއާ އެންބިއުލާންސްގައި ސިއްހީ އާލާތްތައް ނެތިގެން، ބަލި މީހާއަށް ފަރުވާ ދިނުމަށް ބައެއް އާލާތްތައް ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ގެންދަން ޖެހުނުއިރު، ޝިއުނާ މަރުވީ ފްލައިޓަށް ނާރުވައި ރަންވޭގައި ބާއްވައިގެން ފަރުވާދެމުން ދަނިކޮށް، ރޭ މެންދަމު 1:30 އެހާކަންހާއިރު ކަމަށް ޝިފާޒު ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދަރިފުޅު މަރުވީ މާލެ ގެނައި ފަހުންނެވެ.
ޝިއުނާގެ މަރާ ގުޅިގޭ އިހުމާލުގެ ތުހުމަތުތައް އާއިލާއިން ކޮށްފައިވާއިރު، މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ ބަހެއް ހޯދުމަށް "ވަން" އިން ގުޅުމުން އެ މިނިސްޓްރީން ވަނީ އެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފައެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެއެވެ.
މޯލްޑިވިއަން އިން އެކްސްގައި ޝިއުނާގެ އާއިލާއަށް ތައުޒިޔާ ކިޔައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، އެއާ އެމްބިއުލާންސް އޮޕަރޭޓްކޮށްފައިވަނީ ބޭނުންވާ ސާމާނާއެކު ޕްރޮޓޮކޯލްގެ ދަށުން ކަމަށެވެ.